ޚަބަރު

މަނަދޫގައި ބޭއްވި ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ މަސައްކަތު ބައްދަލުވުން ނިމިއްޖެ


ނ. މަނަދޫގައި ބޭއްވި ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ މަސައްކަތު ބައްދަލުވުމަކީ މުޖްތަމަޢުގައި ހުރި މައްސަލަތައް ހައްލުކުރުމުގައި އެހީތެރިވެދޭނެ މުހިންމު މަޢުލޫމާތު ލިބިގެންދިޔަ ބައްދަލުވުމެއްކަމަށް ބައްދަލުވުމުގެ ބައިވެރިން ބުނެފިއެވެ. މިމަސައްކަތު ބައްދަލުވުމަކީ ޒިންމާދާރު ރައްޔިތުންތަކެއް ބިނާކުރުމަށް ހޯމް މިނިސްޓްރީން ކުރިޔަށްގެންދާ ސިލްސިލާ މަސައްކަތު ބައްދަލުވުންތަކުގެ 11 ވަނަ ބައްދަލުވުމެވެ.

އަމާންވެއްޓެއް ޤާއިމުކުރުމާއި ޒިންމާދާރު ރައްޔިތުންތަކެއް ބިނާކުރުމުގެ މަޤްޞަދުގައި ކުރިޔަށްގެންދިޔަ މިމަސައްކަތު ބައްދަލުވުމުގައި ނ. އަތޮޅުގެ އެކިރަށްރަށުގެ ކައުންސިލްތަކާއި، ޖަމްޢިއްޔާތަކުން 40 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވިއެވެ. ދެދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުން ނިންމާލުމަށްފަހު ވާހަކަ ދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝިފާޤް މުފީދު ވިދާޅުވީ މިފަދަ ބައްދަލުވުންތައް ކުރިއަށްގެންދާއިރު ދަޢުލަތުގެ މުއައްސަސާތަކުގައި އޮންނަންޖެހޭ ގުޅުން މިހާރަށްވުރެ ވަރުގަދަވާންޖެހޭކަމަށެވެ. އަދި މި މަސައްކަތު ބައްދަލުވުންތަކުން ލިބޭ މަޢުލޫމާތުގެ އަލީގައި މުޖުތަމަޢު ޒިންމާދާރު މުޖުތަމަޢުއަކަށް ހެދުމަށް މަސައްކަތްކުރާނެކަން އުއްމީދުކުރައްވާކަމަށް ޝިފާޤް ވިދާޅުވިއެވެ.

"ކައުންސިލްތަކާއި ފުލުހުންނާއި މިނިސްޓްރީތަކާއި ދަޢުލަތުގެ އެހެނިހެން އިދާރާތަކާ އެލްޖީއޭއާ ދޭތެރޭ އޮންނަންޖެހޭ ގުޅުން މިއަށްވުރެ ވަރުގަދަވާން ޖެހޭ." ޝިފާޤް މުފީދު ވިދާޅުވިއެވެ.

އަމާންވެއްޓެއް ޤާއިމުކުރުމަށް ސަރުކާރުގެ އިދާރާތަކާއި ކްލަބު ޖަމުޢިއްޔާތަކާ ގުޅިގެން ކުރެވިދާނެ ކަންކަމާބެހޭގޮތުން މި މަސައްކަތު ބައްދަލުވުމުގައި ވަނީ ސަރުކާރުގެ އެކި އިދާރާތަކުން ޕްރެޒެންޓޭޝަންތައް ހުށަހަޅާ މަޝްވަރާކޮށްފައެވެ. އަދި ކުށްތަކާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކޮށް ކުށް މަދު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ އިތުރަށް ސަރުކާރުގެ އިދާރާތަކާއި ކްލަބު ޖަމްޢިއްޔާތަކާއި ގުޅިގެން ކުށް މަދު ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރިއެވެ. ދައުލަތުގެ އެކި އިދާރާތަކާއި ކްލަބު ޖަމުޢިއްޔާތަކުގެ ފަރާތްތަކުގެވެސް ބައިވެރިވުމާއެކު ކުރިޔަށްދިޔަ މިމަސައްކަތު ބައްދަލުވުމުގެ ބައިވެރިންވަނީ މިބައްދަލުވުމަކީ މުޖްތަމައުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދޭނެ މުހިންމު މަޢުލޫމާތު ލިބިގެންދިޔަ މަސައްކަތު ބައްދަލުވުމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

ހޯމްމިނިސްޓްރީން ކުރިޔަށްގެންދާ ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ ސިލްސިލާ މަސައްކަތު ބައްދަލުވުންތަކުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ކ. ތުލުސްދޫގައެވެ. މި މަސައްކަތު ބައްދަލުވުމުގެ ދިހަވަނަ ބައްދަލުވުން ބާއްވާފައިވަނީ ޅ.ނައިފަރުގައެވެ.