ކުޅިވަރު

މީހުން ހީކުރާ ވަރަށްވުރެ، އަހަރެންނާއި، އަހަރެންގެ ޓީމް ވަރުގަދަ: މޮރިނިއޯ


މީހުން ހީކުރާވަރަށްވުރެ ޔުނައިޓެޑްގެ ކުޅުންތެރިންނާއި، އޭނާ މާ މޮޅުކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

މޮރީނިއޯ މިހެން ބުނީ އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓާރ ސިޓީ ބަލިކުރުމަށްފަހުއެވެ. ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ސިޓީން ދެ ގޯލް ޖަހާފައިވަނިކޮށް ފަހަތުން އަރާ ތިން ގޯލު ޖަހައިގެންނެވެ.
މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ މިއީ ހުރިހާ ގޮތަކުން ޔުނައިޓެޑަށް ހައްޤު މޮޅެއްކަމަށާއި، މީހުން ހީކުރާވަރަށްވުރެ އޭނާއަކީ މޮޅު މީހެއްކަމަށެވެ. މޮރީނިއޯ ބުނީ އޭނާގެ ކުޅުންތެރިންނާއި، ޓީމަށް މިހާރު ލިބޭވަރަށްވުރެ ބޮޑު ތައުރީފެއް ހައްޤުކަމަށެވެ. ސަބަބު ރޭގެ މެޗުން ފެންނާނެކަމަށް އޭނާ ބުންޏެވެ.

ރޭގެ މެޗަށްފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ބަލިވީ ޕްރިމިއަރ ލީގުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމް އަތުންކަމަށާއި، މިއީ މައްސަލައެއް ނޫންކަމަށެވެ. އޭނާ ބުނީ މި ނަތީޖާގެ ސަބަބުން ޗެމްޕިއަންސް ލީގުގައި ކުރިއަށް އޮތް މުހިންމު މެޗަށް ގޯސް އަސަރެއް ނުކުރާނެކަމަށް އުއްމީދުކުރާކަމަށެވެ. ހުރިހާ ސަޕޯޓަރުންވެސް ބޭނުންވީ ރޭގެ މެޗުން މޮޅުވެ، ލީގު ކަށަވަރުކުރަންކަމަށާއި، އެކަން އެގޮތަށް ނުވުމުން ސަޕޯޓަރުން ކިބައިން މައާފަށް އެދޭކަމަށްވެސް ގާޑިއޯލާ ބުންޏެވެ.
ރޭގެ މެޗުގައި ސިޓީން އެޓީމްގެ ދެ ލަނޑުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. މި ދެ ލަނޑު ޖަހައިދިނީ ކޮމްޕެނީ އަދި ގުންޑޮޣާންއެވެ. ޔުނައިޓެޑުން ޖެހި ތިން ގޯލު ދެވަނަ ހާފުގައި ޖަހައިދިނީ ޕައުލް ޕޮގްބާއާއި ސްމޯލިންއެވެ. ޔުނައިޓެޑްގެ ފުރަތަމަ ދެ ގޯލް ޕޮގްބާ ޖެހީ 130 ސިކުންތްގެ ތެރޭގައެވެ.
ޕްރިމިއަރ ލީގުގެ އެއްވަނައިގައި 13 ޕޮއިންޓް ލީޑަކާއިއެކު އޮތް ސިޓީއަށް ލީގު ޔަގީންކުރަން ބާކީ އޮތް ހަ މެޗުން ބޭނުންވަނީ 5 ޕޮއިންޓެވެ.