ކުޅިވަރު

" މިވަރުގެ ވޮލީ ޓީމެއް ނުދެކެން، ފަޚްރުވެރިވޭ " ކޯޗު ކާއްޓޭ


ޤައުމީ ޓީމްގެ ކޯޗެއްގެ ގޮތުގައި މިހާރު ހުރެވުމަކީ ބޮޑު ފަޚުރެއްކަމަށް ޤައުމީ ފިރިހެން ވޮލީ ޓީމްގެ ކޯޗު މުޙައްމަދު ސާޖިދު ބުނެފިއެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވަމުންދާ ވޮލީ ޓީމްގެ ކޯޗު ބުނީ ކުޅުންތެރިންގެ ކޮމިޓްމަންޓާއި ޑިސިޕްލިން ފެނިފައި އޭނާ މިހާރު ހުރީ ހައިރާންވެފައިކަމަށާއި، މިވަރުގެ ޓީމެއްގެ ކޯޗަކަށް ހުރެވުމަކީ ބޮޑު ފަޚުރެއްކަމަށެވެ. ޤައުމީ ޓީމަށް ބޮޑު ބަދަލެއް ބޭނުންވެފައިވާ ދަނޑިވަޅުގައި ގެނައި ބަދަލުގެ އަސަރު ފެންނާނީ ކިހާވަރަކަށްކަން ބުނަން ދަތިނަމަވެސް ޓީމް ހޯދާފައިވާ ކުރިއެރުމާއިއެކު މިހާރުވެސް ހުރީ ހިތްހަމަޖެހިގެންކަމަށް ސާޖިދު ބުންޏެވެ. އޭނާ ބުނީ އެސޯސިއޭޝަނާއި ގުޅިގެން އޭނާ ކުރި މަސައްކަތުގެ %80 ހާސިލްކުރެވިއްޖެކަމަށާއި، ބާކީ އޮތް %20 ބިނާވާނީ މުބާރާތުގައި ނެރޭ ނަތީޖާއަށްކަމަށެވެ.
ޒުވާން ގިނަ ކުޅުންތެރިން މިފަހަރު ޓީމުން ޖާގަ ހޯދީ އެ ކުޅުންތެރިންގެ މަސައްކަތުންކަމަށާއި، ނަމަކުން އޭނާއަށް ކުޅުންތެރިއަކު މުހިންމު ނުވާނެކަމަށްވެސް މުޙައްމަދު ސާޖިދު ފާހަގަކުރިއެވެ.

"އަސްލު ބުނެވޭނީ މި ޓީމްގައި މިހިރީ ވަރަށް ފަޚުރުވެރިކަމާއިއެކުގައޭ، އަޅުގަނޑު ގައުމީ ޓީމަށް ކުޅުނުއިރާއި، ކެޕްޓަނެއްގެ ގޮތުގައި ޓީމް ލީޑްކުރިއިރަށްވުރެ މިފަހަރުގެ ޤައުމީ ޓީމްގެ ކޯޗެއްގެ ގޮތުގައި ހުންނަން މާ ބޮޑަށްވެސް ފަޚުރުވެރިވޭ." ކުރީގެ ކެޕްޓަން ބުންޏެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް އޮންނާނީ މިމަހުގެ 19-26 އަށް ބަނގްލަދޭޝްގައެވެ.