ކުޅިވަރު

ކުޑަކުދިންނަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ އިވެންޓުން ރާއްޖެއަށް ފުރުސަތު ލިބިއްޖެ


ކުޑަކުދިންނަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ އިވެންޓް "ފުޓްބޯލް ފޯ ފްރެންޑްޝިޕް އިންޓަރނޭޝަނަލް ޗިލްޑްރެންޑް ޕްޖެކްޓު"ން ރާއްޖެއަށް ފުރުސަތު ލިބިއްޖެއެވެ.

ރަޝިޔާގެ މޮސްކޯގައި އަންނަ ޖޫން މަހު ބާއްވާ ފުޓްބޯޅަ ހަރަކާތުގައި ރާއްޖޭގެ އިތުރުން ދުނިޔޭގެ 210 ޤައުމަކުން ވާދަކުރާނެއެވެ. މުބާރާތުގައި ކޮންމެ ގައުމަކުންވެސް ބައިވެރިކުރަނީ 12 އަހަރުގެ އެންމެ ކުޅުންތެރިއެކެވެ. ރާއްޖެއަށް ފުރުސަތު ލިބިފައިވަނީ ޑިފެންޑަރަކަށް ކުޅޭނެ ކުޅުންތެރިއެއް ބައިވެރިކުރުމަށެވެ.

ކޮންމެ ޤައުމަކުން ބައިވެރިވާ ކުޅުންތެރިންނާއިއެކު 32 ޓީމްގެ ގުރުއަތުލުން މިހާރުވަނީ ބައްވާފައެވެ. ރާއްޖެ ހިމެނެނީ ވޭލް ޝާކް ޓީމްގައެވެ. މިޓީމްގެ ގޯލްކީޕަރަކީ ބުރުންޑީގެ ކުޅުންތެރިއެކެވެ. ފޯވާޑަކީ ލެބްނާންގެ ކުޅުންތެރިއެކެވެ. ދެ މިޑްފީލްޑަރުންނަށް ތިބީ ބޮސްނިޔާއާއި، ހޮންޑިއުރަސްގެ ކުޅުންތެރިއެކެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން ވާހަކަދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ދުނިޔޭގެ ފުޓްބޯޅައިގެ އެކުވެރިކަމާއި، އެއްބައިވަންތަކަމަށް ކުރެވޭ މިކަހަލަ ކަމެއްގައި ބައިވެރިވުމަކީ ދިވެހި ފުޓްބޯޅައަށް ލިބޭ ބޮޑު ޝަރަފެއްކަމަށެވެ. އަދި ރާއްޖެއިން ދެ ކުޅުންތެރިން މި ޕްރޮގްރާމަށް ނޮމިނޭޓްކުރާނެކަމަށް ބައްސާމް ފާހަގަކުރެއްވިއެވެ.

ޑްރޯގެ ރަސްމިއްޔާތަށްފަހު ވާހަކަދައްވަމުން ފީފާގެ ސެކްރެޓަރީ ޖެނެރަލް ފާތިމާ ސަމޯރާ ވިދާޅުވީ މިއީ ވަރަށް ތަފާތު ޝައުގުވެރި ހަރަކާތެއްކަމަށާއި، ފީފާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ. މި އިވެންޓްގައި ދެ ޖިންސުގެ ކުދިންނަށް ޅައުމުރުގައި ގިނަ ކަންތައްތަކެއް ދަސްވުމަކީ ފުޓްބޯޅައިން ދުނިޔެ އެކުވެރިކުރަން ކުރާ މަސައްކަތަށް ލިބޭ ހިތްވަރެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ފުޓްބޯލް ފޯ ފްރެންޑްޝިޕް އިންޓަރނޭޝަނަލް ޗިލްޑްރެންޑް ޕްޖެކްޓް"އަކީ ކުޅިވަރުގެ ރޫޚާއި، އަޚުލާޤާއި، އެކުވެރިކަންފަދަ މުހިންމު ބައިތައް ކުރިއަރެވުމަށް "ގަޒްޕްރޮމް"އިން 2013ވަނަ އަހަރު ފެށި ބައިނަލްއަޤަވާމީ ހަރަކާތެކެވެ.
ކޮންމެ އަހަރަކުވެސް މި ހަރަކާތް ފުޅާކޮށް ގިނަ ކުރިއެރުންތަކެއް ހޯދަމުން އަންނައިރު މިއަހަރަކީ މި ހަރަކާތުގައި އެންމެ ގިނަ ޤައުމުން ބައިވެރިވާ އަހަރުވެސްމެއެވެ. "ގަޒްޕްރޮމް"އަކީ ފީފާއާއި ފީފާ ވޯލްޑްކަޕް 2018ގެ އޮފިޝަލް ސްޕޮންސަރެއްކަންވެސް ފާހަގަކޮށްލެވެއެވެ.