""މިހާރުވެސް އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ލިބެމުންދަނީ . މިހާރަކަށް އައިސް ވިޔަފާރީގެ ދާއިރާގައި ކަނބަލުން ހަރަކާތްތެރިވާކަން ފާހަގކުރެވެއެވެ. ޚާއްސަކޮށް ދިވެހި އުފެއްދުންތައް ވިޔަފާރިކުރުމުގައި ހިއްސާވާކަން ފާހަގަކުރެވެއެވެ. މި ފެއަރ އަކީ މިފަދަ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކަށް ވަރަށް ރަނގަޅު ފުރުޞަތެއް."ޢާދަމް ތަޢުފީޤު
ޗައިނާގައި ބާއްވާ ކުންމިން ފެއަރ އަކީ ރާއްޖޭގެ އުފެއްދުންތައް މާކެޓްކޮށް އިޝްތިހާރުކުރުމަށް ލިބިގެންދާ ބޮޑު ފުރުޞަތެކެވެ. ވޭތުވެދިޔަ ދެ އަހަރުވެސް ރާއްޖޭގެ އުފެއްދުންތައް ދައްކާލުމަށް ރާއްޖެއިން ގިނަ ވިޔަފާރިވެރިން މި ފެއަރގައި ބައިވެރިވެފައިވެއެވެ.
ކުންމިން ފެއަރއަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ އުފެއްދުންތެރިކަމުގެ ދާއިރާ ފުޅާކުރުމާއި، އެއްތަނަކުން އުފެއްދުންތައް ވިއްކުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ފެއަރ އެކެވެ. މި އަހަރަކީ ރާއްޖެއިން މިފެއަރގައި ބައިވެރިވާ ތިންވަނަ ފަހަރުއެވެ.
މި އަހަރުގެ ފެއަރ އޮންނާނީ ޖޫން މަހުގެ 14 އިން 20 އަށް ޗައިނާގެ ބެއިޖިންގައެވެ. މި އަހަރު ދިވެހި 16 ފަރާތަކަށް މި ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ދޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.މި ފެއަރގައި ބައިވެރިވާ ދިވެހި ވިޔަފާރިތަކަށް ސްޓޯލްތައް ދޫކުރަނީ މުޅިން ހިލޭކަމަށާއި ކޮންމެ ފަރާތަކަށްވެސް ނުވަ ފޫޓް ނުވަ ފޫޓްގެ ސްޓޯލްއެއް ލިބޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިކޮނަމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢާދަމް ތަޢުފީޤު ވިދާޅުވީ މިފެއަރގައި ބައިވެރުމެ މަޤްޞަދަކީ ރާއްޖޭގައި ހުރި އުފެއްދުންތައް އިތުރަށް އިސްތިހާރުކޮށް އުފެއްދުންތައް މާރކެޓްކުރުމަށްޓަކައި ވިޔަފާރިތަކަށް އެހީތެރިވުންކަމަށެވެ. މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް މިފެއަރގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލާފައިވާއިރު މިހާރުވެސް އެޕްލިކެޝަންތައް ލިބެމުންދާކަމަށް ތަޢުފިޤް ވިދާޅުވިއެވެ.
ކުންމިން ފެއަރގައި ސައުތު އޭޝިޔާގެ ގިނަ ޤައުމުތަކުން ބައިވެރިވަމުން އާދެއެވެ. އަދި އެ ޤައުމުތަކުގެ ގިނަ ގިނަ އުފެއްދުން ދައްކާލައެވެ.
2016 ވަނަ އަހަރު ކުންމިންގ ފެއަރގެ "ކަންޓްރީ އޮފް އޮނާ"ގެ މަޤާމް ރާއްޖެއަށް ލިބިފައިވާއިރު އެ އަހަރު މި ޝަރަފާއެކު ރާއްޖޭގެ އުފެއްދުންތައް ދައްކާލުމަށް ބޮޑު ޖާގައެއް ލިބިފައިވެއެވެ.