ކުޅިވަރު

ސިޓީ ކަޓައިފި، ކެޓީ ރެފްރީގެ ސަބުބުންނޭ ބުނަން ބޭނުމެއްނޫން: ގާޑިއޯލާ


ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން ކެޓީ ރެފްރީގެ ސަބަބުންނޭ ބުނަން ބޭނުންނުވާކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާރ ފައިނަލް ދެވަނަ ލެގުގައި ރޭ މެންޗެސްޓަރ ސިޓީއާއި ލިވަޕޫލް ވާދަކުރި މެޗު 2-1 ން ކާމިޔާބުކުރީ ލިވަޕޫލެވެ. މި ނަތީޖާއާއިއެކު ލިވަޕޫލް ސެމީން ޖާގަ ހޯދީ 5-1 ގެ އެގްރިގޭޓުންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް އުފައްދާ ގޯލް ޖެހި ސިޓީގެ ކުޅުންތެރިންނާއި، އޮފިޝަލުންވަނީ ރެފްރީގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ޖެހި ގޯލެއް އޮފްސައިޑު ގޯލެއްކަމަށް ސްޕެއިން ރެފްރީ އެންޓޯނިއޯ މެތިއު ނިންމުމުން ސިޓީގެ ކޯޗު ގާޑިއޯލާ ވަނީ އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ރެފްރީއާއި ހިނގައިދިޔަ ބަހުގެ ހަމަލާތަކަށްފަހު ސިޓީން މެޗު ފަށަން ޖެހުނީ ގާޑިއޯލާއާއި ނުލައެވެ. ރެފްރީ ވަނީ ގާޑިއޯލާއަށް ދެވަނަ ހާފުގައި ބެންޗުގައި ނީނދެވޭގޮތަށް ފޮނުވާލާފައެވެ.

މެޗަށްފަހު ޕެޕް ގާޑިއޯލާ ބުނީ މި ރެފްރީއަކީ އޭނާ ސްޕެނިޝް ލީގުގައި މަސައްކަތްކުރިއިރުވެސް، މިކަހަލަ މައްސަލަތައް ދިމާވެފައިވާ ރެފްރީއެއްކަމަށާއި، ފުރަތަމަ ހާފުގައި ރެފްރީ ނިންމި ނިންމުންތައް ކިޔައި ނުދިނަސް އެންމެންނަށް ފެންނާނެކަމަށެވެ. ގާޑިއޯލާ ބުނީ ފުރަތަމަ ހާފުގައި ކުޅުނު ގޮތަށް ދެވަނަ ހާފުގައި ނުކުޅެވުނީ ކުޅުންތެރިން ވަރުބަލިވުމުންކަމަށާއި، ދެ ލެގުގައިވެސް ސިޓީއަށް ރަނގަޅަށް ކުޅެވުނީ އެންމެ ހާފެއްގައިކަމަށެވެ.

ރޭގެ މެޗުން މޮޅުވި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ލިވަޕޫލްއަށް ސެމީގެ ޖާގައެއް ހައްޤުކަމަށާއި، ސިޓީން ޕްރެސްކޮށްގެން ކުޅުނު ވަގުތުގައިވެސް ލިވަޕޫލުން ސަމާލުވެ ފަރުވާތެރިކަމާއިއެކު ކުޅުނުކަމަށެވެ. ނޮކްއައުޓް މެޗެއްގައި މުހިންމީ ނަތީޖާކަމަށާއި، ރޭގެ މެޗުންވެސް ލިވަޕޫލުން ނަތީޖާ ނެރުނުކަމަށް ކްލޮޕް ބުންޏެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ފުރަތަމަ ލަނޑު ޖަހައިދިނީ ގެބްރިއެލް ޖެސުސްއެވެ. ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު ސަލާއެވެ. އަދި އެޓީމް މެޗުން މޮޅުވި ލަނޑު ޖަހައިދިނީ ރޮބާޓޯ ފިރްމީނޯއެވެ.