ކުޅިވަރު

ބަލިނުވެ 39 މެޗު ފުރިހަމަކޮށް، ބާސާއަށް ރެކޯޑެއް!


ލަލީގާގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން ބަލިނުވުމުގެ ރެކޯޑު ބާސެލޯނާއިން މުގުރާލައިފިއެވެ.

1980 ވަނަ އަހަރު ރެއާލް ސޮސިއެދާދުން ހެދި ރެކޯޑް ބާސެލޯނާ މުގުރާލީ ލީގުގައި ރޭ ވެލެންސިޔާގެ މައްޗަށް ހޯދި މޮޅާއިއެކުއެވެ. ރޭގެ މެޗު ބާސެލޯނާ ކާމިޔާބުކުރީ 2-1 ނެވެ. މެޗުގައި ފުރަތަމަ ދެ ގޯލް ޖެހީ ބާސެލޯނާއެވެ. ފުރަތަމަ ލަނޑު ލުއިސް ސުއަރޭޒް ޖެހީ ފިލިޕް ކުޓީނިއޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މިއީ ލީގުގައި ސުއަރޭޒް ޖެހި 23 ވަނަ ގޯލެވެ. އެޓީމްގެ ދެވަނަ ލަނޑު ޖަހައިދިނީ ފްރާންސްގެ ޑިފެންޑަރ ސެމިއުލް އުމްޓިޓީއެވެ.
ވެލެންސިޔާއިން ނަތީޖާގެ ފަރަގު ކުޑަކުރީ ލިބުނު ޕެނަލްޓީއަކުން ޑެނީ ޕަރޭޚޯއެވެ. ރޭގެ މެޗާއިއެކު ލީގުގައި ބާސެލޯނާވަނީ ބަލިނުވެ ޖެހިޖެހިގެން 39 މެޗު ހަމަކޮށްފައެވެ. އެޓީމް އެންމެ ފަހުން ބަލިވެފައިވަނީ ލީގުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު މަލާގާ އަތުންނެވެ. އޭގެ ފަހުން އެޓީމް ކުޅުނު 39 މެޗުގެ ތެރެއިން 32 މެޗު އެޓީމް މޮޅުވެފައިވާއިރު، އެއްވަރުވެފައިވަނީ ހަތް މެޗުންނެވެ.