ޚަބަރު

270 ދަރިވަރުން ޤުރްއާން ޚަތިމުކޮށް ސަނަދު ޙާސިލްކޮށްފި


މާލޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހިންގި ކީރިތި ޤުރްއާން ޚަތިމްކުރުމުގެ މަޝްރޫޢުގެ ފުރަތަމަބުރު ނިންމި 270 ދަރިވަރުންނަށް އެކަމުގެ ސަނަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫއަކީ ގްރޭޑް ފަހެއް ނިންމާއިރު ކީރިތި ޤުރްއާން ޚަތިމުކޮށްފައިވާ ބަޔަކަށް ދަރިވަރުން ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިމަޝްރޫއުގައި ޤުރްއާން ޚަތިމުކުރާ ކުދިންންވަނީ ޢައްމާފޮތް ހިތުން ދަސްކޮށްފައެވެ.
ދެހާސް ސޯޅާވަނަ އަހަރު ފެށިމި މި މަޝްރޫއު މެދުކެނޑުމެއްނެތި ކުރިއަށްގެންދިޔުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. ޚަތިމްކުރުމުގެ މަޝްރޫއުގެ ފުރަތަމަބުރުގައި މާލޭގެ 12 ސްކޫލަކުން ބައިވެރިވެފައިވާއިރު 960 ދަރިވަރުން ބައިވެރިވިއެވެ.

ސްކޫލްތަކުގެ ދަރިވަރުންގެ ދެވަނަ ޤްރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛު އިބްރާހީމް ރަޝިދު މޫސާ ވިދާޅުވީ މި މަޝްރޫއަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ހިންގި މިފަދަ ފުރަތަމަ މަޝްރޫޢުކަމަށާ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން މެދުކެނޑުމެއް ނެތި މިމަޝްރޫޢު ކުރިއަށް ގެންދާނެކަމަށެވެ.

ރާއްޖޭގެ ސްކޫލުތަކުގެ ފަށާތަޢުލީމުގެ މަރުހަލާގެ ދަރިވަރުންނަށް ޤުރްއާން ކިޔަވަން ދަސްކޮށްދިނުމާއި ޢައްމާފޮތް ހިތުން ދަސްކޮށްދިނުމަށް، ހިންގާ ކީރިތި ޤުރުއާން ޚަތިމްކުރުމުގެ މަޝްރޫޢު ކުރިއަށްއޮތްތަނުގައި ފުޅާކޮށް ހުރިހާ ސްކޫލްތަކެއް ޝާމިލް ވާހެން މިމަޝްރޫޢު ކުރިއަށްގެންދާނެކަމަށް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވިއެެވެ.

"މި މަޝްރޫއަކީ ރާއްޖޭގެ ކުޑަކުދިންނަކީ އިސްލާމްދީންދެކެ ލޯބިވާ އިސްލާމީ އަޤީދާގެ މަތީގައި ބޮޑުވަމުންދާ ކުދިންތަކެއްގެ ގޮތުގައި ވުމަށް ބާރުއެޅުމަށް ގެންދާ މަޝްރޫއެއް. ކުޑަކުދިންނަކީ ޤުރުއާނަށް ލޯބިކުރާ ބަޔަކަށް ވުމަށާއި އިސްލާމީ ރިވެތި އާދަތައް ދަސްކޮށްދިނުމާއި ބައިނަލް އަޤްވާމީ މުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާކުދިން އުފެއްދުމަށް ކުރިއަށް ގެންދާ މަޝްރޫއެއް."އިބްރާހިމް ރަޝިދު މޫސާ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ހިންގި ޕްރޮގްރާމް 331 ދަރިވަރުން ފުރިހަމަކޮށްފައިވާއިރު ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން ދިން އިމްތިޙާނު ފުރިހަމަކޮށް ސަނަދު ޙާސިލްކޮށްފައިވަނީ 270 ދަރިވަރުންނެވެ. މިއީ 81.5 އިންސައްތައިގެ ކުރިއެރުމެއްކަމަށް ޤުރުއާނާބެހޭ މަރުކަޒުން ބުނެއެވެ. އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދެވަނަ ބުރު މިހާރު ފަށާފައިވާއިރު މިބުރު ނިމޭނީ އަންނައަހަރުއެވެ.