ވަކި ބައެއްގެ ނާޖާއިޒް ބޭނުންތައް ފުއްދުމަށްޓަކައި ދިވެހި ރައްޔިތުން އިޖާބަދޭން ނުޖެހޭކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.
ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ކޮންމެ ދިވެހި ރައްޔިތަކުވެސް ވިސްނަންޖެހޭނީ ތިމާގެ އަމިއްލަ މަސްލަހަތަށް ވުރެ ބޮޑަށް ޤައުމީ މަސްލަހަތައްކަމަށެވެ.
ޤައުމުގެ ޙައްގުގައި ޤައުމުގެ ނަން ކުރިއެރުވުމަށް ކުޅިވަރާއި ތަޢުލީމުގެ އިތުރުން އެހެނިހެން ރޮނގުތަކުންވެސް ޢިލްމާ ހުނަރު ބޭނުންކޮށްގެން ކުރަންޖެހޭ މަސައްކަތްތަކުގައި ޝާމިލްވުމަކީ މުހިއްމުކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މާލީ ގޮތުން ތަނަވަސް މީހުން ގައުމަށް ފައިދާހުރި ކަންކަމަށް ހޭދަކުރަން ޖެހޭނެ ކަމަށާއި އިލްމީ ގާބިލު މީހުން ގައުމު ކުރިއަރުވާ ތަހުޒީބުކުރުމަށް އެމީހުންގެ ސިކުނޑިތަކުގެ ބޭނުން ހިފަންޖެހޭނެ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.
ދުނިޔޭގެ ޤައުމުތަކަށް ތަރައްޤީއާއި ތަމައްދުން ލިބިގެން އަންނަނީ އެ ޤައުމެއްގައި އޮންނަ އަމަން އަމާންކަމުގެ ސަބަބުންކަމަށާއި ކުރިން އަޅުގަނޑުމެންގެ ތެރެއިން ފެންނަމުންދިޔަ ރިވެތި އާދަތައް ނެތިގެންދާކަމަށް ހޯމް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ. އަދި މިފަދަ އާދަތަކަކީ މުޖުތަމައުގައި ގެއްލިގެން ނުދާނެފަދަ އާދަތަކަކަށް ހަދާ އެކަމަށް މަސައްކަތްކުރަން ޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
" އިހުގައި ދިވެހިން އެކަކު އަނެއްކކު ބައްދަލުވާ ހިނދު ﷲ ރައްބީ ވަ މުޙައްމަދު ނަބިއްޔާ އޭ ބުނާ ރިވެތި ބަސްބަހުން މުޢާމަލާތްކުރި ނަމަވެސް މިއަދު އެ އާދަތައްވެސް މިދަނީ ނެތިގެން. މިފަދަ ރިވެތި އާދަކާދަތަކަކީ އެއްބައިވަންތަކަމުގެ ހެކިތައް. އެއްބައިވަންތަކަމާ ނުލާ ހުއްބުލް ވަޠަންގެ ލޯތްބެއް އާލާކުރުމަކީ އެކަށިގެންވާކަމެއްނޫން. " އަޒްލީން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ދިވެހި ޤައުމަށް މިހާތަނަށް ކުރިމަތިވި ބިރުވެރި އުދުވާނީ ހަމަލާތައް އެއީ ހިނގާފައިނުވާކަންތައްތަކަށް ހަދަން ބަޔަކު މަސައްކަތްކުރަމުންދާކަމަށެވެ. އެ ގޮތުން މި ފަހުގެ ތާރީޚުގައި ހިނގާފައިވާ މިފަދަ ހާދިސާތަކަށް ހަޖޫޖަހަމުންދާކަންވެސް ނިހާން ފާހަގަކުރެއްވިއެވެ.
" 3 ނޮވެމްބަރު 1988ވަނަ ދުވަހު ޤައުމަށް ދިމާވި ހާދިސާއަކީ ނުހިނގާ ހާދިސާއެއްކަމަށްވެސް ބައެއް ބޭފުޅޫން ވިސްނުން އެބަހުރި. އަދި މިފަދަކަންތައްތަކަށް ހަޖޫޖަހާ ބޭފުޅުންވެސް އުޅޭ." ނިހާން ވިދާޅުވިއެވެ
ޝަޙީދުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައި ދަޢުލަތުގެ ވަޒީރުންނާއި މަޖިލިސް މެންބަރުންގެ އިތުރުން ފުލުހުންނާއި ސިފައިންވެސް ބައިވެރިވިއެވެ.