ޚަބަރު

މާސާފު މާލެ - ސާފުކުރުމުގެ ޙަރަކާތް މާދަމާ ފަށާނެ


ވެމްކޯއިން މާލެއާއި ވިލިމާލޭގެ މަގުތަކާއި އިޖްތިމާޢީ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން "މާ ސާފު މާލެ"ގެ ނަމުގައި މާލެއާއި ވިލިމާލޭ ސާފުކުރުމުގެ ޚާއްސަ ހަރަކާތެއް ފަށަން ތައްޔާރުވެއްޖެއެވެ.

މާލޭގެ ކުނީގެ މައްސަލައަކީ މާލޭގައި ދިރިއުޅޭ ޢާއްމުރައްޔިތުން ޒަމާނުއްސުރެ ތަޙައްމަލުކުރަންޖެހިފައިވާ ބޮޑު މައްސަލައެކެވެ. މާލޭގެ މަގުތަކަށް ކުނި އެޅުމާއި ގޯޅިގޯޅި ކަންމަތިތަކުގައާއި މަގުތަކުގެ އެކި ދިމަދިމާގައި ކުނި އެއްކޮށް ޖަމާކޮށްފައިހުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ވަމުންދާ އުނދަގޫތަކާއި ދިމާވަމުންދާ ސިއްޙީ މައްސަލަތައް ގިނަކަން ފާހަގަކުރެވެއެވެ. އެގޮތުން މާލޭގެ މަގުތަކަށް ކުނިއެޅުން ހުއްޓުވުމަށާއި ކުނި މެނޭޖްކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މާލެއާއި ވިލިމާގެ މަގުތަކާއި ޕާކްތަކާއި އިޖްތިމާޢި ހުރިހާ ސަރަޙައްދެއް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް މިހަރުވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކޯށްފައެވެ.

މާލެއާއި ވިލިމާގެ މަގުތަކާއި އިޖްތިމާޢީ ސަރަހާއްދުތައް ސާފުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ހޮނިހިރު ދުވަހު ބާއްވާ "މާ ސާފު މާލެ" މި ޙަރަކާތުގެ މަޢުލޫމާތު ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ މި ހަރަކާތުގައި ސަރުކާރުގެ ގިނަ ވުޒާރާތަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މީހުންވެސް ބައިވެރިވާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި ޙަރަކާތުގެ ބޭނުމަކީ ވެމްކޯއިން މާލެއާއި ވިލިމާލެ ސަފުކުރުމުގެ ޢަމަލީ މަސައްކަތް ކުރަން ފެށުމުގެ ކުރިން މާލެތެރެ ސާފުކޮށް އޮތުމުގެ ސަބަބުން އެ މަސައްކަތް ކުރިއަށްގެންދިޔުމަށް ފަސޭހަވެގެންދާނެކަމަށެވެ.

މިހާރުވެސް މި ޙަރަކާތަކުގައި ގިނަޢަދަދެއްގެ މީހުން ބައިވެރިވަމުން އަންނަކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މިހާރުވެސް ތިންހާހަށްވުރެ ގިނަ ފަރާތްތަކުން މި ޙަރަކާތުގައި ބައިވެރިވުމަށް އެދި ނަން ނޯޓްކޮށްފައިވާކަމަށެވެ.

"ކޮލެޖުތަކާއި ޔުނިވަރސިޓީތަކާއި ސަރުކާރުގެ މުއައްސަސާތައް އެއްވެގެން ސާފުކުރަން މި ފަށަނީ "މާ ސާފު މާލެ"ގެ ނަމުގައި. މީގެ އެންމެ މުހިއްމު ބޭނުމަކީ ވެމްކޯއިން މާލެއާއި ވިލިމާލޭގެ މަގުތަކާއި އިޖްތިމާޢީ ސަރަޙައްދުތައް ސާފުކުރަން ފެށުމުގެ ކުރިން މާލެތެރެ ސާފުކޮށް އޮވެ ވެމްކޯއިން އެ މަސައްކަތް ފަށައިނަމަ އެ މަސައްކަތް ކުރިއަށްގެންދިޔުމުގައި ފަސޭހަވެގެންދާނެ. މާސާފު މާލެ މި ޕްރޮގްރާމްގައި މިހާރުވެސް ވަރަށްގިނަ ޢަދަދެއްގެ މީހުން ބައިވެރިވޭ. 3000 ވުރެ ގިނަ މީހުން މިހާރުވެސް އެބައޮތް މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ނަންނޯޓްކޮށްފައި." މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

މާދަމާ ހެނދުނު 6:00 ގައި ފަށާ މިޙަރަކާތުގައި ހުރިހާ މިނިސްޓްރީތަކާއި ސަރުކާރާއި އަމިއްލަ ކުންފުނިތަކާއި މިނިވަން މުއައްސަސާތައް ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. އަދި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ކޮލެޖުތަކާއި ސްކޫލްތަކުގެ އިތުރުން ޢާއްމުންނަށްވެސް ބައިވެރިވެވޭނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.