މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ކުރިމިނަލްކޯޓް ރިސެސްއަށް ހިގައްޖެއެވެ.
ކޯޓް ރިސެސްގެ ދުވަސްވަރު އާއްމުކޮށް ގެންދާ އުސޫލުން ޝަރީއަތަށް ކުރިޔަށް ނުގެންދިޔަ ނަމަވެސް ކޮންމެހެން ނެރެންޖެހޭ އަމުރުތަކާއި ބަންދާ މެދު ގޮތެއް ނިންމުމަށް ބައްވާ ޝަރީއަތްތައް ކުރިޔަށްދާނެކަމަށް ކުރިމިނަލްކޯޓުން ވިދާޅުވެއެވެ. އަދި އިދާރީ މަސައްކަތްތައްވެސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށްވެސް ކޯޓުން ވިދާޅުވިއެވެ.
ކުރިމިނަލްކޯޓް މިއަދުން ފެށިގެން ރިސެސްއަށް ދިޔައިރު ކުޑަކުދިން ކުރާ ޖިނާއީ ކުށްތަކުގެ މައްސަލަތައް ބަލާ ޖުވައިނަލްކޯޓުން ވަނީ އިއްޔެ އިން ފެށިގެން ރިސެސްއަށް ގޮސްފައެވެ. އަދި މިމަހުގެ ކުރީކޮޅުން ފެށިގެން ސިވިލްކޯޓް ރިސެސްގައި އޮތުމަށްފަހު އެކޯޓްގެ ރިސެސް ނިންމާލާފައިވަނީ މި ހަފްތާގައެވެ.
ކޯޓްތަކާއި ބެހޭ ގާނޫނޫގެ ދަށުން ކޮންމެ އަހަރެއްގެ މެދުތެރޭގަ އާއި އަހަރުގެ ފަހުކޮޅު ސުޕީރިއަރ ކޯޓްތައް ރިސެސްއަށް ދާނެއެވެ. ސުޕީރިއަރ ކޯޓްތަކުގެ ގޮތުގައި ހިމެނޭނީ ޖުވައިނަލް ކޯޓާއި ކުރިމިނަލްކޯޓާއި ސިވިލްކޯޓްގެ އިތުރުން ފެމެލީ ކޯޓެވެ.