ކުޅިވަރު

ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިން 7 މެޑަލް ހޯދައިފި


ސައުތް އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 7 މެޑައްޔާއިއެކު ރާއްޖޭގެ ޓީމް ނިންމާލައިފިއެވެ.

މިއަދު ހަވީރު ނިމުނު ސަރަހައްދީ ޓޭބަލް ޓެނިސް މުބާރާތުން ރާއްޖެއިން ހޯދީ އެއް ސިލްވާ މެޑައްޔާއި ހަ ބްރޮންޒް މެޑަލްއެވެ. ސިލްވާ މެޑަލް ހޯދީ ރާއްޖޭގެ ފާތިމަތު ދީމާ އަލީއެވެ. އޭނާ މި މެޑަލް ހޯދީ މިއަހަރު މުބާރާތުގައި އަލަށް ތަޢާރަފްކުރި ހޯޕްސް ކެޓަގަރީންނެވެ.
މީގެ އިތުރުން އައިޝަތު ރަފާ ނާޒިމް ވަނީ މުބާރާތުން ފަސް ބްރޮންޒް މެޑަލް ކަރުގަ އަޅުވާފައެވެ. އެއީ އިންޑިވިޖުއަލް ތިން އިވެންޓަކުން ރަފާ ހޯދި ތިން ބްރޮންޒާއި، ޖޫނިއަރ ޓީމް އިވެންޓެވެ. އަދި ކެޑޭޓް ކެޓަގަރީ ޓީމް އިވެންޓުން ބްރޮންޒް މެޑަލް ހޯދި ޓީމުގައި ރަފާ ހިމެނެއެވެ. ރަފާ ހޯދި އިންޑިވިއަލް މެޑަލްތަކަކީ ކެޑޭޓް ކެޓަގަރީނާއި، ޖޫނިއަރ ކެޓަގަރީގެ ސިންގަލްސް އިވެންޓުން ހޯދި މެޑަލްގެ އިތުރުން ކެޑޭޓް ކެޓަގަރީ ޑަބަލްސް އިވެންޓުން ހޯދި މެޑަލްއެވެ. ޑަބަލްސްގައި ރަފާއާއިއެކު މެޑަލް ހޯދި ކުޅުންތެރިއަކީ ލައިސާ ފަތުހުﷲ އިސްމާއިލްއެވެ. ރާއްޖެއިން މުބާރާތުގެ ފިރިހެންކުދިންގެ ބައިން ލޯ މެޑަލް ހޯދައިދިނީ އަޔާން ތޯހާ ރަޝީދުއެވެ. އޭނާ މި މެޑަލް ހޯދީ ހޯޕްސް ކެޓަގަރީންނެވެ.

މިއަދު ނިމުނު މުބާރާތުގެ ޓީމް އިވެންޓްގެ ޗެމްޕިއަން ޓީމްތަކަށް މެޑައްޔާއި ޓްރޮފީ ހަވާލްކޮށްދެއްވީ އިނާމް ދިނުމުގެ ރަސްމީއްޔާތުގެ ޝަރަފްވެރި މެޙުމާނާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއެވެ. ސަރަޙައްދީ ޖޫނިއަރ މުބާރާތުގެ އިންޑިވިޖުއަލް އިވެންޓްތަކާއި، ހުރިހާ ޓީމް އިވެންޓެއްގެ ރަން މެޑަލް ހޯދީ ޓޭބަލް ޓެނިހުގައި ދުނިޔޭގެވެސް ގަދަ ބާރު އިންޑިޔާއިންނެވެ. މުބާރާތުގެ ހުރިހާ ރަން މެޑައްޔެއް ގެންދިޔައީ އިންޑިޔާގެ ކުޅުންތެރިންނެވެ.

ސައުތް އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި މިއަހަރު ވާދަކުރި ޤައުމުތަކަކީ ދިވެހިރާއްޖެ، ސްރީލަންކާ، އިންޑިޔާ، ނޭޕާލް ބަނގަލަދޭޝްގެ އިތުރުން ޕާކިސްތާނެވެ.