އިންޓަރނޭޝަނަލް މޯލްޑިވްސް ޓްރެވަލް މަރކެޓްގެ "އައިއެމްޓީއެމް 2018"އަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ ވިޔަފާރި ބައިނަލްއަޤްވާމީ ދުނިޔެއަށް އިސްތިހާރުކުރުމަށް ކުރިއަށްގެންދާ ފެއާއެކެވެ.
މިފެއާގައި ރާއްޖޭގައި ފަތުރުވެރިކަން ކުރާ ލޯކަލް ގެސްޓް ހައުސްތަކާއި ރިސޯޓްތަކާއި ޑައިވް ސެންޓަރތަކާއި، ލޯކަލް ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުން ބައިވެރިވާނެއެވެ. މި ފެއަރގެ ކަންކަމުގައި ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން އެއްބާރުލުންދިނުމަށް އެމިނިސްޓްރީންވަނީ ނިންމާފައެވެ.
"އައިއެމްޓީއެމް 2018" ފެއަރ އާ ގުޅޭ ކަންކަމުގައި އެއްބާރުލުންދިނުމަށް އެއްބަސްވެ މިކަމާއިގުޅޭ ލިޔުން ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން އައިއެމްޓީއެމް އާ ޙަވަލުކޮށްދެއްވީ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ކުރިން އެމްއެމްޕީއާރްސީއިން މިފަދަ މަސައްކަތް ކުރަމުންއައިނަމަވެސް، މިހާރު ސީދާ މިނިސްޓްރީގެދަށުން މިފަދަ ފެއަރތަކަށް އެއްބާރުލުންދެމުންދާކަމަށާ، މިއީ ދުނިޔޭގެ މަރކެޓަށް ރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް އިސްތިހާރުކޮށް ރާއްޖޭގެ އިޤްތިސާދް ކުރިއެރުވުމަށް އަމިއްލަ ކުންފުނިތަކުން ކުރާ މަސައްކަތްތައް ބަލައިގަނެ، އެކަމުގައި އެއްބާރުލުންދިނުމަށް ކުރާ ކަމެއްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ވޭތުވެދިޔަ އަހަރުގެ ކުރީކޮޅު ފަތުރުވެރިން އަންނަ މިންވަރަށް ކޮންމެވެސްވަރެއްގެ ހީނަރުކަމެއް އައިނަމަވެސް، ވޭތުވެދިޔަ އަހަރު ނިމުންއިރު، އަދި މިއަހަގެ މިހާތަނަށް ފަތުރުވެރިން އަންނަ މިންވަރު ވަރަށްބޮޑަށް އިތުރުވެފައިވާކަމަށެވެ. އެކަން އެރައިވަލާ ރިޒޯޓްތަކާއި ގެސްޓްހައުސްތަކުގެ އޮކިއުޕެންސީއާއި، މީރާގެ ތަފާސްހިސާބުތަކުން ފެންނަމުންދާކަމަށެވެ. އަދި މިފަދަ ފެއަރތަކާއިއެކު އަހަރުގެ ފަހު ދެ ކުއަރޓާގައި ފަތުރުވެރިން އަންނަ ރޭޓަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ޤަބޫލުކުރެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އައިއެމްޓީއެމްގެ ސީއޯއޯ ރާފިއު މުޙައްމަދު ވިދާޅުވީ މި ފެއަރގައި 14 ޤައުމެއްގެ ޓްރެވަލް އެޖެންޓުން ބައިވެރިވާނެކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ލިބެންހުރި ޚިދުމަތްތަކާއި ގުޅޭގޮތުން ލޯކަލް އެޖެންޓުން އެފަރާތްތަކާއި މަޢުލޫމާތު ޙިއްސާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. މި ފެއަރގައި ސައުތްއެފްރިކާ، ޖަރމަނީ، ސްވިޒަލޭންޑް އަދި ޕިލިޕީންސްފަދަ ޤައުމުތަކުގެ ޓްރެވަލް އެޖެންޓުން ބައިވެރިވާނެއެވެ.
މި ފެއަރކުރިއަށްދާނީ އަންނަ މަހުގެ ތޭވީސް އިން ސައްވީސްވަނަ ދުވަހުގެ ނިޔަލަށް އަދާރަން ރިސޯޓުގައެވެ.