ޚަބަރު

ޤައުމީ ތާރީޚް ސުވާލުމުބާރާތުގެ އެއްވަނަ ޢަރަބިއްޔާ ސުކޫލަށް އަދި އޮފީސްތަކުގެ އަތުލިޔުމުގެ މުބާރާތުން އެއްވަނަ ހޯމް މިނިސްޓްރީއަށް


ދިވެހި ބަހުގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ ޤައުމީ ތާރީޚު ސުވާލު މުބާރާތުގެ އެއްވަނަ ޢަރަބިއްޔާ ސުކޫލަށް އަދި އޮފީސްތަކުގެ އަތުލިޔުމުގެ މުބާރާތުން އެއްވަނަ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއަށް ލިބިއްޖެއެވެ.
މި މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށްފައިވަނީ ދިވެހި ބަހުގެ ދުވަހާއި ޤައުމީ ތާރީޚް ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ރާއްޖޭގެ ތާރީޚާ ބެހޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދީ އެ ދަރިވަރުންނަށް ވާދަވެރި ކަމާއެކު ތާރީޚާ ބެހޭ މަޢުލޫމާތު ފޯރުކޯށްދިނުމަށްޓަކައި ޙަސަން ތާޖުއްދީންގެ ވާދައިގެ ތައްޓަށް ސްކޫލްދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި މުބާރާތަކީ ބަހުގެ އެކެޑަމީން މިގޮތަށް ކުރިއަށްގެންދިޔަ ފުރަތަމަ މުބާރާތެވެ.

ދިވެހި ބަހުގެ ދުވަހާއި ޤައުމީ ތާރީޚް ދުވަހުގެ ރަސްމީ ޖަލްސާގައި މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވާއިރު މުބާރާތުގެ އެކި ވަނަތަކަށް އައި ދަރިވަރުންނަށާއި ސްކޫލްތަކަށް ވަނީ ޢިނާމާއި ހަނދާނީލިޔުމުގެ އިތުރުން ތަށި ހަވާލުކޮށްފައެވެ. ޤައުމީ ތާރީޚް ސުވާލުމުބާރާތުގެ ޘާނަވީ އާއި މަތީ ޘާނަވީ ބައިން އެއްވަނައަށް އަރަބިއްޔާ ސްކޫލް ހޮވިފައިވާއިރު އެންމެ މޮޅުދަރިވަރަކަށްވެސް ހޮވިފައިވަނީ އެ ސްކޫލްގައި ތަޢުލީމް ހާސިލްކުރަމުންދާ ޙައްވާ ޒަހާދާއާއި ފާޠިމަތު މުޙައްމަދު އަޙްމަދެވެ. މި ސްކޫލަށާއި ދަރިވަރުންނަށްވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމުވެސް ދީފައެވެ.

މީގެ އިތުރުން މި ޖަލްސާގައިވަނީ ދިވެހިބަހުގެ ދުވަހާ ގުޅިގެން އޮފީސްތަކުގެ މެދުގައި ކުރިއަށްގެންދިޔަ އަތުލިޔުމުގެ މުބާރާތުގެ ނަތީޖާވެސް ފާޅުކޮށްފައެވެ. މި މުބާރާތުން އެއްވަނަ ހޯމް މިނިސްޓްރީއަށް ލިބިފައިވާއިރު މުބާރާތުގެ އެއްވަނަ ސިވިލް ސަރވިސް ކޮމިޝަންގައި މަސައްކަތްކުރާ ޢަލީ އާމިރުއަށްވަނީ ލިބިފައެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވަނީ ޤައުމީ ބަހާމެދު އިތުރަށް ވިސްނާ ފިކުރުކުރުމަށް ގޮވާލާފައެވެ.

ދިވެހި ބަހުގެ ދުވަހާއި ޤައުމި ތާރީޚް ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ދިވެހިބަހަށް ގިނަ ޚިދުމަތްތަކެއްކުރައްވާ މުސްތަފާ ހުސެއިން ވަނީ ބަހަށް ސަމާލުކަންދޭ މިންވަރަށް ވިސްނާ ފިކުރުކުރުމަށް ގޮވާލާފައެވެ. އަދި މަދުބަޔަކު ދިވެހިބަހުން ވާހަކަދެއްކިނަމަވެސް ދިވެހިބަހަކީ އެއަށް ޚާއްސަސިފަތަކެއް ލިބިގެންވާ ބަހެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައިވަނީ ދިވެހި ބަސް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކަށް އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އަރުވާފައެވެ. އެގޮތުން ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުން ކުރި މަސައްކަތަކުގެ އަގުވަޒަންކޮށް ހަނދާނީފިލާ އަރުވާފައިވާއިރު އައިޖީއެމްއެޗަށްވެސްވަނީ ބަސްކުރިއެރުވުމަށް ކުރާ މަސައްކަތުގެ އަޤުވަޒަންކޮށް ހަނދާނީ ފިލާ ދީފައެވެ.

މީގެ އިތުރުން މިއަހަރު ދިފާޢީ އައްޑަނަ ލިބިފައިވަނީ ރާއްޖޭގެ ދިފާޢި ބާރާށެވެ. އެފަރާތަކަށް މި އައްޑަނަ ދީފައިވަނީ ކޮންމެ އަހަރަކު ސިފައިން ނެރޭ ޤައުމީ ލަވަ ސީޑީ ނެރުމާއެކު އެލަވަތަކުގެ 99 އިންސައްތައަކީ ދިވެހިންގެ އަމިއްލަ ރާގަށްވުމާއެކު އެކަމުގެ އަގްވަޒަންކުރުމުގެ ގޮތުންނެވެ.