ޚަބަރު

ގޭސްޓްރިކަށް ޚާއްސަ އޮޕަރޭޝަނުގެ ޚިދުމަތް އައިޖީއެމްއެޗްއިން ދޭންފަށައިފި


ގޭސްޓްރިކަށް ޚާއްސަ އޮޕަރޭޝަނުގެ ޚިދުމަތް އައިޖީއެމްއެޗްއިން ދޭންފަށައިފިއެވެ. އައިޖީއެމްއެޗްއިން މި ޚިދުމަތް ފުރަތަމަ ދީފައިވަނީ އައްޑޫ ސިޓީ ހިތަދޫ އަންހެނަކަށެވެ.

ގޭސްޓްރިކް ނުވަތަ "ލެޕްރޯސްކޮޕްކް ނިސެން ފަންޑޯޕްލިކޭޝަން" އޮޕަރޭޝަނަކީ ރިފްލެކްސް ޑިސީސަސްއަށް ކުރާ އޮޕަރޭޝަނެކެވެ. މިއީ ކާއެއްޗެހި ކެއުމުގެ ސަބަބުން އެސިޑްސް މައްޗަށް އެރުން ހުއްޓުވުމަށް ކުރާ އޮޕަރޭޝަނެކެވެ. އައިޖީއެމްއެޗްއިން ފުރަތަމަ ފަހަރައް ކުރި މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު އޮޕަރޭޝަން ކުރުމުގައި ހަރަކާތްތެރިވި އައިޖީއެމްއެޗްގެ ސީނިއަރ ކޮންސަލްޓެންޓް އިން ޖެނަރަލް ސާރޖަރީ ޑރ. މުޙައްމަދު ޝަރީފް ވިދާޅުވީ ގޭސްޓްރިކް އޮޕަރޭޝަނަށްފަހު ދޮޅުމަސްވަންދެން އުނދަގޫތަކެއް ކުރިމަތިވާނެކަމަށެވެ. މިގޮތުން ކާއެއްޗެހި ދިރުވުމަށް އުނދަގޫވާނެކަމަށާ އޮޕަރޭޝަން ކުރުމަށްފަހު ދުވަސްކޮޅެއް ވަންދެން ގޭސް އުފެދޭ ބާވަތްތައް ނުކެއުމާއި ފިޒީ ޑްރިންކްފަދަ ތަކެއްޗާއި ހަކުރު ހުންނަ ތަކެތި ނުކެއުމަށް ސަމާލުވާންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކާއެއްޗެހި ދާ ހޮޅި ސްޓަމަކަށް އެޅުމުގެ ކުރިން އިންނާނެ ސްފިންގްޓަރއެއް އޭގެ މެކޭނިޒަމް ދަށްވަނީ. ތަންކޮޅެއް ލޫޒްކޮށް އިންނާތީވެ އެސިޑް މައްޗަށް އަރަނީ. އޭގެ އަނެއްސަބަބަކަށް އިންނަނީ ހައިޓަސް ހާނިއަރ މިއީ ވަރަށް ގިނައިން ހުންނަ މައްސަލައެއް."

ޑރ.ޝަރީފް ވިދާޅުވިއެވެ.

މިހާތަނަށް އިއިޖީއެމްއެޗުން ގޭސްޓްރިކަށް އެންޑޯސްކޮޕީ ހެދި މީހުންގެ ތެރެއިން %70 މީހުން ހައިޑާސް ހާނިއަރ ހުރިކަމަށް އައިޖީއެމްއެޗުން ބުނެއެވެ. ޑރ.ޝަރީފް ވިދާޅުވީ ކުރިންވެސް މި އޮޕަރޭޝަނަށް ބޭނުންވާ ސާމާނު އެހޮސްޕިޓަލުގައި ހުރިކަމަށާ އެހެންނަމަވެސް ޓްރެއިނިން ނުލިބި ހުރުމުގެ ސަބަބުން ނުފެށުނީކަމަށެވެ.

އައިޖީއެމްއެޗްގައި ލެޕްރޮސްކޮޕީސަރޖަރީ ހަދާތާ ދިހަވަރަކަށް އަހަރުވެފައިވާއިރު އެންމެ ފުރަތަމަ ޚިދުމަތް ދީފައިވަނީ އެޕެންޑިކްސްއާއި ގޮލްބަރީ ސަރޖަރީގެ ޚިދުމަތެވެ. ލެޕްރޯސްކޮޕްކް ނިސެން ފަންޑޯޕްލިކޭޝަންގެ ޚިދުމަތް ދޭންފަށާފައިވާއިރު، އާ ޚިދުމަތްތަކެއްވެސް ތަޢާރަފް ކުރަމުންދާނެކަމަށް އައިޖިއެމްއެޗްއިން ބުނެއެވެ. އައިޖީއެމްއެޗްގައި ދެން އެންމެ އަވަހަށް ފަށާނީ ބެރިއާޓްރިކް ސާރޖަރީ ކަމަށް ޑރ.ޝަރީފް ވިދާޅުވިއެވެ. މި ސަރޖަރީއަކީ 35 އަހަރުން މަތީގެ މީހުން ބަރުދަންލުއިކުރުމަށް ހަދާ ސަރޖަރީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި އޮޕަރޭޝަނުން ޑައިބެޓިކް ޕޭޝަންޓުންނާއި ކޮލަސްޓްރޯލް ކޮންޓްރޯލްފަރާތްތަކަސް ފައިދާ ކުރާނެ. އެގޮތުން މި މައްސަލަތައް ދިމާވާމީހުން ދިގުމުއްދަތަކަށް ބޭސް ބޭނުންކުރާކަށް ނުޖެހޭނެ."

ޑރ. ޝަރީފް ވިދާޅުވިއެވެ.

ލެޕްރޯސްކޮޕްކް ނިސެން ފަންޑޯޕްލިކޭޝަން އޮޕަރޭޝަންގެ ޚިދުމަތް ހޯދި ފުރަތަމަ ޕޭޝަންޓް ފާތިމަތު ލަބީބާ ބުނީ އޮޕަރޭޝަން ނުކުރާއިރު ވަރަށް އުނދަގޫވިކަމަށެވެ. އެހެންނަމަވެސް އޮޕަރޭޝަންއަށްފަހު މިހާރު ރަނަގޅުކަމާއި އައިޖީއެމްއެޗްގެ ޚިދުމަތްވެސް ރަނގަޅުކަން އޭނާ ފާހަގަކުރިއެވެ. އައިޖީއެމްއެޗްއިން ދޭ ޚިދުމަތްތައް ފުޅާކޮށް އިތުރު ޚިދުމަތްތައް ދެމުންގެންދާއިރު އައިޖީއެމްއެޗްގެ އަމާޒަކީ އަލަށްތަޢާރަފްކުރާ ޚިދުމަތްތަކާއި މިހާރު ދެމުންގެންދާ ޚިދުމަތްތައް އެންމެ ފުޅާދާއިރާގައި ރަނގަޅު ފެންވަރެއްގައި ފޯރުކޯށްދިނުމެވެ.