ކުޅިވަރު

ޤައުމީ ކެރަމް މުބާރާތުގެ އަންހެން ފައިނަލްގައި އައިމިނަތު ވިދާދު އަދި އައިމިނަތު ވިޝާމާ


27 ވަނަ ޤައުމީ ކެރަމް މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުން އައިމިނަތު ވިދާދު އަދި އައިމިނަތު ވިޝާމާ ޖާގަ ހޯދައިފިއެވެ.

އަންހެން ސިންގަލްސް ފައިނަލުން މިދިޔަ އަހަރުގެ ޗެމްޕިއަން ވިދާދު ޖާގަ ހޯދީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ފާތިމަތު ރަޔާނާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ސެމީ ފައިނަލް ދެވަނަ މެޗުގައި ވިޝާމާ ނިކުތީ އާމިނަތު ޝުބާ އާދަމްއާއި ދެކޮޅަށެވެ. މި މެޗު ވީޝާމާވެސް ކާމިޔާބުކުރީ ސީދާ ދެ ގޭމުންނެވެ. އެންމެ ފަހުން ކުޅުނު ޤައުމީ ކެރަމް މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލްގައިވެސް ވާދަކޮށްފައިވަނީ ވިޝާމާއާއި ވިދާދުއެވެ.

ފިރިހެން ސިންގަސް ސެމީ ފައިނަލު މެޗުތައް ކުޅޭނީ މިރެއެވެ. ފިރިހެން ސިންގަލްސް ސެމީ ފައިނަލް ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އަލީ އާޒިމް ނިކުންނާނީ ޝާފީ މުޙައްމަދާއި ދެކޮޅަށެވެ. ދެވަނަ ސެމީ ފައިނަލްގައި އިސްމާއިލް އަޒްމީން ނިކުންނާނީ އަހުމަދު ހާމިދާއި ދެކޮޅަށެވެ.
އަންހެން ޑަބަލްސް ފައިނަލުން ޖާގަ ހޯދީ ފާތިމަތު ރަޔާނާ އަދި އާމިނަތު ޝުބާ އާދަމްގެ ޕެއަރއާއި އައިޝަތު ފައިނާޒް އަދި އާމިނަތު ވިޝާމާގެ ޕެއަރއެވެ. ފިރިހެން ޑަބަލްސް ފައިނަލްގައި ވާދަކުރާނީ އިސްމާއިލް އަޒްމީން އަދި މުޙައްމަދު މުންތަސިރުގެ ޕެއަރއާއި ހުސައިން ނީޝާމް އަދި ހަސަން ނާޒިމްގެ ޕެއަރއެވެ.

މުބާރާތުގެ ހުރިހާ އިވެންޓެއްގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ. ޤައުމީ މުބާރާތުގެ އެންމެ ފޯރިގަދަ އިވެންޓްކަމަށްވާ ޓީމް އިވެންޓްގެ މެޗުތައް ފަށާނީ ހުކުރު ދުވަހުއެވެ.