ފަތުރުވެރިކަމުގެ ދާއިރާގެ މެނޭޖްމަންޓު ލެވެލްގައި ވަޒީފާއަދާކުރާ މުވައްޒަފުން ބިނާކުރުމުގެ މަޤްޞަދުގައި އަދާރަން ގްރޫޕުން ރާއްޖޭގައި ހިންގި ދެ ޓްރެއިނިން ޕްރޮގްރާމެއް ނިންމާ ދަސްވެނިންނަށް ސެޓިފިކެޓް ދީފިއެވެ.
އަދާރަން ގްރޫޕުން ދަނީ ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމަށްވެސް އެކި ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގަމުންނެވެ. އެގޮތުން މިދިޔަ އަހަރުވެސް މިފަދަ ޕްރޮގްރާމްތަކެއް ހިންގާފައިވާއިރު، އޭގެ ތެރެއިން ދެ ޓްރެއިނިންގ ޕްރޮގްރާމެއްގެ ދަސްވެނިންނަށް ސެޓިފިކެޓް ދިނުމަށް އަދާރަން ހުދުރަންފުށީގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ އަމިއްލަ ކުންފުންޏެއްކަމަށްވާ ސިމްޑީ ގްރޫޕުގެ ސީއީއޯ ޑރ.މަރިޔަމް ޝަކީލާއެވެ.
އަދާރަން ގްރޫޕުން މިދިޔަ އަހަރު ވަނީ މެނޭޖްމަންޓު ލެވެލްގައި މަސައްކަތްކުރާ ދިވެހިން ބިނާކުރުމަށް "އަދާރަން ކުރިމަގު މެނޭޖްމަންޓު ޓްރެއިނިން"ގެ ނަމުގައި 13 މަސްދުވަހުގެ ޓްރެއިނިންގ އެއް ކުރިޔަށް ގެންގޮސްފައެވެ. މިޓްރެއިނިންގައި ބައިވެރިކޮށްފައިވާ ރާއްޖޭގެ ކޮލެޖުތަކުގައި ފަތުރުވެރިކަމުގެ ދާއިރާއިން ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން ހޮވާލެވުނު ދަރިވަރުންތަކެކެވެ. ޓްރެއިނިންގއަށް ހޮވުނު ކުދިންގެ ތެރެއިން 15 ކުދިންވަނީ މިޓްރެއިނިންގް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ތަޢުލީމު ހާސިލްކުރަމުންދާ ރާއްޖެއިން ބޭރުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ "އަދާރަން އެގްޒެކެޓިވް ޑިވެލޮޕްމަންޓު ޕްރޮގްރާމު"ގެ ނިންމުންވެސް ވަނީ މިރަސްމިއްޔާތުގައި ފާހަގަކޮށްފައެވެ. މިޕްރޮގްރާމްގައި އިންޑިއާ އާއި ސްރީލަންކާގެ 5 ދަރިވަރަކު ބައިވެރިވެ، ސެޓިފިކެޓް ހާސިލްކޮށްފައިވެއެވެ.
މި ދެ ޓްރެއިނިންގެ ބައިވެރިންވެސް ވަނީ މިއީ މިދާއިރާގައި މަސައްކަތްކުރާ މީހުންނަށް ވަރަށް ރަގަނޅު ޓްރެއިނިންގްއެއްގެ ގޮތުގައި ސިފަކޮށްފައެވެ.
މި ރަސްމިއްޔާތުގައި އަދާރަން ރިސޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން 2017ވަނަ އަހަރު އެންމެ ރަގަނޅަށް ޕާރފޯމްކުރި މުވައްޒަފުންގެ އަގުވަޒަންކުރުމަށް ސެޓްފިކެޓާއި އެވޯޑުވެސް ވަނީ ދީފައެވެ. ސްރީ ލަންކާގެ އެޓްކެން ސްޕެންސް ގްރޫޕުގެ ފަރާތުން ހިންގާ ފަތުރުވެރިކަމުގެ ކުންފުނި، އަދާރަން އިން ރާއްޖޭގައި ދަނީ 6 ރިޒޯޓެއް ހިންގަމުންނެވެ. މިހަރިޒޯޓުގައި ނުވަސަތޭކައަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާއިރު، މީގެތެރޭގައި ގިނަ ދިވެހިންވެސް ހިމެނެއެވެ.