ޚަބަރު

މާދަމާ ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެ


މިއަހަރުގެ ފިތުރު ޒަކާތް މާދަމާ ބަލައިގަންނަން ފަށާނެއެވެ.
ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު ދިހަގަޑި ބައިން މެންދުރު އެކެއްޖަހަންދެނެވެ. ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 13ވަނަ ދުވަހެވެ.

އެހެން އަހަރުތަކޭ އެއްގޮތަށް މިއަހަރުވެސް ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެރަށެއްގެ ރަށު ކައުންސިލުންނެވެ. އަދި މާލޭ ސިޓީގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒާއި ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރާއި ހައުސިންގ މިނިސްޓްރީގެ ވިލިމާލެ ޔުނިޓުންނެވެ. އައްޑުއާއި ފުވައްމުލަކާއި، ގދ.ތިނަދޫގައި ޒަކާތް ބަލައިގަންނާނީ އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅާފައިވާ ޚާއްސަ ތަނެއްގައެވެ.

ފިތުރުޒަކާތް ދައްކަންޖޭ މިންވަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. އެގޮތުން ކޮންމެ މީހަކުވެސް ޒަކާތް ދައްކަންޖެހޭނީ އެމީހަކު ޢާއްމުކޮށް ކައިއުޅޭ ހަނޑުލުގެ ބާވަތުގެ 2.4 ކިލޯ ހަނޑުލަށްޖެހޭ މިންވަރަށެވެ. މާލޭގައި ދިރިއުޅޭ މީހުން ޒަކާތް ދައްކަން ޖެހެނީ އާދައިގެ ހަނޑުލުންނަމަ މީހަކަށް 13ރުފިޔާ، ތައިލެންޑް ހަނޑުލުންނަމަ 43ރުފިޔާ، ބާސްމަތީ ހަނަޑުލުންނަމަ 81 ރުފިޔާއެވެ.

ނަމަވެސް އަތޮޅުތެރޭގައި ޒަކާތް ދައްކަން ޖެހޭނީ އެސަރަޙައްދެއްގައި ހަނޑޫ ވިއްކާ އަގުތަކުގެ މިންވަރަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.