ޚަބަރު

"ޒުވާނުންނާއި ކުޅިވަރު މެނިފެސްޓޯގެ 90 އިންސައްތަ ހާސިލުކޮށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދެއްވީ ރައީސް ޔާމީން"


ސަރުކާރުގެ ޒުވާނުންނާއި ކުޅިވަރު މެނިފެސްޓޯގެ 90 އިންސައްތަ ހާސިލުކޮށް މިދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ރައީސް ޔާމީން ގެންނަވައިފިކަމަށް ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ޔޫތު މިނިސްޓްރީގެ ފާއިތުވެދިޔަ 4 އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޙަފުލާގައި ވާހަކަދައްކަވަމުންނެވެ.

ފާއިތުވެދިޔަ 4 އަހަރު ސަރުކާރުން ޒުވާނުންނާއި ކުޅިވަރު ތަރައްޤީއަށް ކުރެއްވި މަސައްކަތުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޙަފުލާގައި ވާހަކަދައްކަވަމުން ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ދިވެހި ޒުވާނުންނަށް އުންމީދާއި ކުރިއެރުން ގެނެސްދެއްވީ ދިވެހިރާއްޖޭގެ ތާރީޚު ދެކެފައިނުވާފަދަ އިންޤިލާބީ ބަދަލުތަކާއިއެކުގައިކަމަށެވެ. އެގޮތުން ޒުވާނުންނާއި ކުޅިވަރު މެނިފެސްޓޯގެ 90 އިންސައްތަ ޙާޞިލުކުރެވިއްޖެކަމަށް މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.

"ރައީސް ޔާމީންގެ ސަރުކާރުން ދިވެހި ޒުވާނުންނަށް އުއްމީދާއި ކުރިއެރުން ގެނެސްދެއްވީ ދިވެހިރާއްޖޭގެ ތާރީޚް ދެކެފައި ނުވާފަދަ އިންގިލާބީ ބަދަލުތަކަކާއެކު، މިހާ ހިސާބަށް އައިއިރު، 'ކުޅިވަރު މެނިފެސްޓޯ' އާއި 'ޒުވާނުންގެ މެނިފެސްޓޯ'ގެ 90 އިންސައްތަ، ޙާސިލުކޮށް މިވަނީ ނިމިފަ. ޔޫތު މިނިސްޓްރީގެ އެއްވެސް ޕްރޮޖެކްޓެއް ނުހިނގާ ރަށެއް ނޯންނާނެ ކަމުގައި އަޅުގަނޑު ފާހަގަ މިކޮށްލަނީ އުފަލާއެކު،" ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

ސަރުކާރުން ޒުވާނުންނާއި ކުޅިވަރު ތަރައްޤީކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ދަށުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މިހާތަނަށް 80 ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމައި އެދަނޑުތައް މިހާރުވަނީ ބޭނުންކުރަން ފަށާފައެވެ. މި ސާރުކާރު އައުމުގެ ކުރިން ރާއްޖޭގައި ޤާއިމުކުރެވިފައިވަނީ 5 ފުޓްސަލް ދަނޑެވެ. ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރުވެސް 101 ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ހިނގަމުންދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން 83 ވޮލީކޯޓް ނިމިފައިވާއިރު، 23 ވޯލީ ކޯޓުގެ މަސައްކަތްދަނީ ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޔޫތު މިނިސްޓަރ ވިދާޅުވީ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގައި ހިމެނޭ 93 ބަށިކޯޓެއް އަޅާ ނިމިފައިވާއިރު، 17 ބަށިކޯޓުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށާއި، 44 ނެޓްބޯޅަ ކޯޓު ނިމި އިތުރު 11 ނެޓްބޯޅަ ކޯޓުގެ މަސައްކަތްކުރިއަށްދާކަމަށެވެ. ޒުވާނުންނަށް ތަރައްޤީކުރާ ކުޅިވަރު ދަނޑުތަކުގެ ތެރޭގައި ހިމެނޭ 11 ބާސްކެޓްކޯޓެއް ނިމިފައިވާއިރު، 49 ފުޓްބޯޅަ ދަނޑެއްގެ މަސައްކަތް ނިމި އިތުރު 27 ދަނޑެއްގެ މަސައްކަތް ކުރިއަށްދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައިވަނީ ޒުވާނުންގެ މެނިފެސްޓޯގައި ހަޤީޤީ ކުލަ ޖެއްސެވުމަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާފައެވެ.

"ޒުވާނުންނާއި ކުޅިވަރަށް ރައީސް ޔާމީން ގެނެސްދެއްވާ އިންގިލާބީ ބަދަލު ދިވެހި ތާރީޚުގައި ރަން އަކުރުން ލިޔެވިގެން ދާނެ، ދިވެހި ޒުވާނުންގެ ތަސައްވަރުގައި މިދަނީ ޙަޤީޤީ ކުލަޖެހެމުން، ޒުވާނުން ކުޅިވަރަށް ކުރާ އުއްމީދު މިދަނީ ޙާސިލުވަމުން،" ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

ޒުވާނުންނާއި ކުޅިވަރަށް މިސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެއްބާރުލުންދެއްވާ ހުރިހާ ފަރާތްތަކަށް ޔޫތު މިނިސްޓަރ ވަނީ މިރަސްމިއްޔާތުގައި ޝުކުރުއަދާކުރައްވާފައެވެ.