ޕްލާސްޓިކް ފުޅި ރީސައިކަލްކުރާ ރިވާސް ވެންޑިން މެޝިނެއް މާލޭގައި ބަހައްޓައިފިއެވެ. ރާއްޖޭގައި މުޅިން އަލަށް ބެހެއްޓި ސްމާޓް ބިން ރިވާސް ވެންޑިން މެޝިން ބަހައްޓާފައިވަނީ އެމްޑަބްލިޔުއެސްސީންނެވެ. މި މެޝިން ބަހައްޓާފައިވަނީ ބޮޑުތަކުރުފާނު މަގު، ރަސްފަންނާ ވި ކޮޅުން އައިޖީއެމްއެޗް އިމާރާތުގައެވެ.
މިކަމަށްޓަކައި ރޭ އޮތް ރަސްމިއްޔާތެއްގައި މި ވެންޑިން މެޝިން އިފްތިތާހު ކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބުރާހީމް ފަޒުލް ރަޝީދެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވީ، އެމްޑަބްލިޔުއެސްސީން އިސްނަގައިގެން މިއަދު މި ފެށީ ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. އަދި މި މެޝިންގެ ބޭނުން ހިފައި މީގެ ފުރިހަމަ ފައިދާ ލިބިގަތުމަށް މިނިސްޓަރު ގޮވާލެއްވިއެވެ. މީގެއިތުރުން މިފަދަ އެހެން ކުންފުނިތަކުންވެސް ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން މިފަދަ ކަންތައް ކުރުމަށް މިނިސްޓަރ ތާރިޤް ގޮވާލެއްވިއެވެ.
"ލާމަސީލު މިސާލެއް މިކަހަލަ ކަމެއް ކުރުން މިއީ. ރާއްޖޭގައި އެބަހުރި މި ނޫނަސް ފެންއުފައްދާ ކުންފުނިތައް. އަޅުގަނޑު މިއަދު އެފަރާތްތަކަށްވެސް ގޮވާލަން ސިންގަލް ޔޫސްޑް ޕްލާސްޓިކް ބޮޓެލް މަދުކުރުމަށްޓަކައި މަސައްކަތްކޮށްދެއްވާށޭ. މިކަހަލަ ބައިވަރު ޓެކްނޮލޮޖީތައް އެބަހުއްޓޭ. މިކަންކަން ކުރައްވާށޭ. އަޅުގަނޑުމެން ސަރުކާރުން މިތިބީ ޕްލާސްޓިކް މަދުކުރުމަށް ކުރެވެން ހުރި ކަންތަކަށް އެބޭފުޅުންނަށް އެއްބާރުލުން ދެއްވާށޭ"
މިނިސްޓަރ ތާރިޤް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބުރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، މިއީ ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން ފެށި މަސައްކަތެއް ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން ހުޅުމާލޭ ސެންޓްރަލް ޕާކުގައިވެސް މިފަދަ މެޝިނެއް ބެހެއްޓުމަށް ނިންމާފައިވާކަމަށެވެ. ފަޒުލް ވިދާޅުވީ، މި ފުޅިތައް ރިސައިކަލް ކުރުމަށްފަހު އުފައްދާ އުފެއްދުންތައް މާކެޓަށް ނެރޭނެ ކަަަމަށެވެ.
އިބުރާހީމް ފަޒުލް ރަޝީދު ވިދާޅުވިއެވެ.
މި މެޝިން މެދުވެރިކޮށް ރީސައިކަލްކުރާ ކޮންމެ ފުޅިއަކަށް 0.15 ޕޮއިންޓް ލިބިގެންދާނެއެވެ. އަދި މި މެޝިނުން ލިބޭ ޕޮއިންޓް ގެ މައުލޫމާތު އެމްޑަބްލިޔުއެސްސީ އެޕް މެދުވެރިކޮށް، ލިބޭނެކަމަށާއި، އަދި އެޕް ބޭނުން ނުކުރާ ފަރާތްތަކަށް އެސްއެމްއެސްގެ ޒަރިއްޔާއިން ޕޮއިންޓް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ. އެ ޕޮއިންޓަކީ ފަހުން ބޭނުން ވެއްޖެ ހިދެއްގައި އެޕްލިކޭޝަން މެދުވެރިކޮށް ރިޑީމް ކުރެވޭނެ ޕޮއިންޓެއް ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
މިގޮތަށް ލިބޭ ޕޮއިންޓްތަކުން 30 ޕޮއިންޓް ހަމަވުމުން އެމްޑަބްލިޔުއެސްސީގެ އެޕް މެދުވެރިކޮށް ބިލަށް ފައިސާ ދައްކާއިރު، މި އަދަދު ބިލުން އުނިކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ނުވަތަ ފެންހުސްކުރި ދިހަވަރަކަށް ފުޅި ރިސައިކަލްކޮށްފިނަލަ ފެންފުޅިއެއް ހިލޭ ލިބޭނެކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.