ޚަބަރު

އިސްލާމްދީނުގެ ރުކުނެއް ޢަސާސެއް އޮޅުވާލުން ފަދަ ޢަމަލެއް މިސަރުކާރުން އެއްވެސް އިރެއްގައި ނުހިންގާ - ޑރ. ޒިޔާދު


މިހާރުގެ ސަރުކާރުން އެއްވެސް އިރެއްގައި އިސްލާމްދީނުގެ ރުކުނެއް ޢަސާސެއް އޮޅުވާލުމަށް މަސައްކަތްކޮށްފައި ނޯންނާނެކަމަށް އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރަމަޟާންމަހުގެ ރޭތައް އިޙުޔާކޮށް ދިރުވުމަށް ބާއްވާ އިޙުޔާ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ. މިގޮތުން މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދުވަނީ މި ސަރުކާރުން، ވަކިން ޚާއްޞަކޮށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އިސްލާމްދީން ޙިމާޔަތްކޮށް ދިރުވުމަށްޓަކައި ނުހަނު ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން އެއްވެސް އިރެއްގައި އިސްލާމްދީނަށް ފުރައްސާރަވާގޮތަށް އެއްވެސް ޢަމަލެއް ހިންގާފައިނުވާނެކަމަށެވެ. އަދި އިސްލާމްދީނުގެ ރުކުނެއް ޢަސާސެއް އޮޅުވާލާފައިނުވާނެކަމަށާއި އެފަދަކަމެއް ކުރުމަށް މަސައްކަތްކޮށްފައިނުވާނެކަމަށެވެ. ދިވެހި ކާބަފައިން އިސްލާމްދީން ޙިމާޔަތްކުރުމަށް ނުހަނު ގިނަ މަސައްކަތްތައް ކުރެއްވިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިސަރުކާރުންވެސް ދީން ޙިމާޔަތްކުރުމަށް އަބަދުވެސް މަސައްކަތްކުރައްވާނެކަމަށެވެ.

މިނިސްޓަރ ޒިޔާދު ވިދާޅުވީ އިސްލާމްދީނުގެ ޢަސާސްތަކާއި ރުކުންތައް އިނގޭނީ ދީނުގެ ޢިލްމު އުގެނިގެން ތިބި ބޭފުޅުންނަށްކަމަށާއި އެފަދަ ވާހަކަތައް ފަތުރަން ވާނީ އެޢިލްމު ލިބިފައިވާ ބޭފުޅުންކަމަށެވެ. ދިވެހިރާއްޖޭގައިވެސް ދީނީ ޢިލްމުވެރިން އެބަތިބިކަމަށާއި އެ ޢިލްމު އެހެން މީހުންނަށް ފޯރުކޮށްދިނުމުގައި ކަނޑައަޅާފައިވާ އުޞޫލްތަކާއި ހަމަތަކުގެ މަތިން އެބޭފުޅުން ކުރައްވަމުންގެންދަވާކަން މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.