ޚަބަރު

ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި މ. އާސްތާނާ އަބްދުއްޝަކޫރު އަލީ އަވަހާރަވެއްޖެ



ދިވެހި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދި ދިވެހި ބަހާއި އަދަބިއްޔާތާއި ލިޔުންތެރިކަމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މ އާސްތާނާ އަބްދުއްޝަކޫރު އަލީ އަވަހާރަވެއްޖެއެވެ.

އަބްދުއްޝަކޫރު އަލީއަކީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރާއި އެންވަޔަރަމެންޓް މިނިސްޓަރގެ ނާއިބު އަލީ އާމިރުގެ ބައްޕާފުޅެވެ. އަބްދުއްޝަކޫރު އަލީ އަވަހާރަވި އިރު އުމުރުފުޅަކީ 79 އަހަރުއެވެ.

އަބްދުއްޝަކޫރު އަލީއަކީ ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި ބޭފުޅެކެވެ. އަދި ދިވެހި ބަހާއި ދިވެހި އަދަބިއްޔާތުގެ އިތުރުން ލިޔުންތެރިކަމަށްވެސް ގިނަ ގުނަ ޚިދުމަތްތަކެއް އަބްދުއްޝަކޫރު ވަނީ ކުރައްވާފައެވެ. ޝަކޫރަށްވަނީ 1985 ވަނަ އަހަރު ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ ދާއިރާއިން ގައުމީ އިނާމު ލިބިވަޑައިގެންފަ އެވެ. އަދި މަޝްހޫރު އުއްމީދީ ޗާޕުހާނާގެ ބަނީއަކީވެސް އަބްދުއްޝަކޫރު އަލީ އެވެ.

އަބްދުއް ޝަކޫރަކީ އުރުދޫ ބަހުން ދިވެހިބަހަށް ވަރަށް ފުރިހަމަ ގިނަ ލިޔުންތަކެއް ހަދިޔާ ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ އުރުދޫބަހުގެ ބިންގާ އެޅުއްވީ މަޖީދިއްޔާސްކޫލްގައި ނަމަވެސް ތަރުޖަމާކުރާ ފެންވަރަށް އެބަސް އެނގިވަޑައިގެންނެވީ އަމިއްލަ ހިތްމަތުން ކުރެއްވި ބުރަ މަސައްކަތުންނެވެ.

އެންމެ ފުރަތަމަ ތަރުޖަމާ ކުރައްވަންފެއްޓެވީ "އާބާރު" މަޖައްލާއަށެވެ. އެދުވަސްވަރު އެ މަޖައްލާގެ އެކި އަދަދުގައި ގާތްގަނޑަކަށް ދުއިސައްތަ ވަރަކަށް ވާހަކަ ތަރުޖަމާ ކުރައްވާ ޝާޢިއުކުރެއްވިއެވެ. އާބާރުގައި ޝާޢިއުކުރެއްވި ވާހަކަތަކުގެ އިތުރަށް ދިގުވާހަކަ ސިލްސިލާގެ ގޮތުގައި ވިއްސަކަށް ވާހަކަ ތަރުޖަމާކޮށްފައިވެއެވެ. ޝަކޫރު ތަރުޖަމާ ކުރެއްވި ގިނަ ދިގު ވާހަކަ ނުކުމެފައިވަނީ "އާރު"ގެ ނަންބަރުތަކުގައެވެ. ފުރަތަމަ އެންމެ ގިނައިން ތަރުޖަމާކުރައްވަމުން ގެންދެވީ ޖާސޫސީ ވާހަކަތަކާއި ބިރުވެރި ވާހަކަތަކެވެ. އެއްއަށްފަހު އިބްރަތްތެރި ލޯބީގެ ވާހަކަތައް ތަރުޖަމާކޮށްފައިވެސް ވެއެވެ. ޝަކޫރުގެ ތަރުޖަމާތަކުގެ ތެރެއިން ނާޒްނީން، ހިތިއަސަރު، ކިޑިކީ، ނީލްކަމަލް އަކީ އާއްމުންގެ ވަރަށް ބޮޑު ތަރުޙީބު ލިބިފައިވާ ވާހަކަތަކެވެ.

އަބްދުއްޝަކޫރު މޫނު ދެއްކުން އޮންނާނީ މެންދުރު 1:00 އިން ފެށިގެން އާސަހަރާ މިސްކިތުގައެވެ. ކަށު ނަމާދުކުރުމާއި ފަސްދާނުލުން އޮންނާނީ އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.