ޚަބަރު

އިސްލާމީ ޔުނިވަރސިޓީގެ އައު އިމާރަތް ޒަމާނީ ބިނާއަކަށް ވާނެ - ޑރ. ޝަހީމް


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އައު އިމާރާތަށް ބޭނުންވާ ބިން ހަމަޖެހި، ހައިބަތު ހުރި ބޮޑު އިމާރާތެއް ބިނާކުރަން ނިންމާފައިވާކަމަށް އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.


މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގައި ޒަމާނީ ފެންވަރުގެ އިސްލާމީ ޔުނިވަރސިޓީއެއް ބިނާކުރުމަށް ބޭނުންވާ ބިން މިހާރު ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާދެއްވާފައިވާކަމަށެވެ. އަދި މިހާރު އައިޔޫއެމް ހިންގާ އިމާރާތަކީ ވަގުތީ ތަނެއްކަން ފާހަގަކުރައްވާ، ޑރ. ޝަހީމް ވިދާޅުވީ، ހައިބަތު ހުރި ބިނާއެއް އިމާރާތްކުރުމަށް ބިމެއް ބޭނުންވާ ވާހަކަ ރައީސަށް ދެންނެވުމުން އަކަން ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާދެއްވާފައިވާކަމަށެވެ.

އައިޔޫއެމްގެ ޗާންސެލަރ ޑރ. ޝަހީމް ވިދާޅުވީ މީގެ ދެމަހެއްހާ ކުރިން ސަޢުދީއަށް ކުރެއްވި ދަތުރުފުޅުގައި ސަޢޫދީގެ އިސްލާމިކް މިނިސްޓަރާއެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖޭގައި ޒަމާނީ ފެންވަރެއްގެ އިސްލާމީ ޔުނިވަރސިޓިއެއް ޤާއިމްކުރުމަށް މަޝްވަރާކުރެއްވިކަމަށެވެ. އަދި މިގޮތުން ޔުނިވަރސިޓީއަށް ބޭނުންވާ ބިމާއި ޔުނިވަރސިޓީގެ ޑިޒައިން އަދި އެކަމަށް ޚަރަދުވާވަރު ހުށައެޅުމުން ސައުދީން އެކަންކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައިވާކަން ޑރ. ޝަހީމް ފާހަގަކެއްވިއެވެ.

"މާތްﷲ ގެ އިރާދަފުޅުން އެކަން ހަމަޖެހިގެންދާނެ. އިސްލާމީ ޔުނިވަރސިޓީ ޒަމާނީ ބިނާއަކަށް ހަދާ އެ ޔުނިވަރސިޓީގެ މުންނާރުގެ ވިދުވަރު ދިވެހި އުޑުދަށުގައި ހުންނާނެ ފަދަ ގޮތަކަށް ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ދެމެހެއްޓުމަށް ރައީސް ވަރަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވި" ޑރ. ޝަހީމް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ޤާއިމްކުރައްވާފައިވަނީ 2015 ވަނަ އަހަރުގެ ޖުލައިމަހުގެ 9 ވަނަ ދުވަހުއެވެ. ރާއްޖެފަދަ ސައްތައިންސައްތަ މުސްލިމް ޤައުމެއްގައި މިފަދަ ޔުނިވަރސިޓީއެއް ހުޅުވުން ވެގެންދިޔައީ ދިވެހިންނަށް ލިބުނު ބޮޑު ފަޚުރަކަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވަރަށް ބޮޑަށް އިސްކަންދެއްވާ މުހިއްމު މަސައްކަތެކެވެ.