ސިޔާސީ

އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުން އެމްޑީޕީ އާއި ޖޭޕީއިން ބޮއިކޮޓްކޮށްފި





 


އިޤްތިޞާދީ ޚާއްސަ ސަރަހައްދުތައް ކަނޑައެޅުމުގެ ބިލް ދިރާސާކުރަމުންދިޔަ އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުން އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ބޮއިކޮޓްކޮށްފިއެވެ.


 
އެދެޕާޓީން އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުން ބޮއިކޮޓްކުރީ ކޮމިޓީގެ މުގައްރިރު އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލް މަޖިލީހުގެ ގަވާއިދާ، ކޮމިޓީގެ ޤަވާއިދާ ޚިލާފަށް ކޮމިޓީ ކުރިއަށް ގެންދާ ކަމަށް ތުހުމަތުކޮށެވެ.


 
އިގްތިޞާދީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް  މަޖިލީހުގެ ތަޅުމުގައި ނިޒާމީ މައްސަލަ ނަންގަވާވިދާޅުވީ، ކޮމިޓީތައްވެސް ކުރިއަށް ގެންދަންޖެހޭނީ މަޖިލީހުގެ ޤަވާއިދާއި އެއްގޮތަށް ކަމަށާއި، ކޮމިޓީތައް ގަވާއިދާ ޚިލާފަށް ކުރިއަށް ގެންދާނަމަ މަޖިލީހުގެ ޖަލްސާއިން އެކަން ހައްލުކޮށްދެއްވަންޖެހޭނެކަމަށެވެ.


 
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ނިޒާމީ މައްސަލަ ނަންގަވާ ވިދާޅުވީ އިޤްތިޞާދީ ޒޯންގެ ބިލަށް އެމްޑީޕީން ރެކޮމެންޑޭޝަންތަކެއް ހުށަހަޅާފައިވީ ނަމަވެސް، ޕީޕީއެމްގެ މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވަނީއެ ރެކޮމެންޑޭޝަންތަކަށް ބެލުމެއް ނެތި ސަރުކާރުން ބޭނުންވާ ގޮތަށް ބިލް ފާސްކުރުމަށްކަމަށެވެ.


 
ނަމަވެސް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރ ރިޔާޒް ރަޝީދު ވިދާޅުވީ، މަޖިލީހުގެ ކޮމިޓީއެއްގައި ޤަވައިދާ ޚިލާފަށް ކަމެއް ހިނގާނަމަ އެކަމެއް ހުއްޓުވަންޖެހޭނެ ކަމަށާއި، މައްސަލައެއް ފާހަގަ ކުރެވޭނަމަ ހައްލު ހޯއްދަވާނެކަމަށްވެސް ރިޔާޒް ރަޝީދު ވިދާޅުވިއެވެ.


 
 


އިގްތިޞާދީ ކޮމިޓީގައި ދިމާވި މައްސަލަ ހައްލުނުވަނީސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީއާއި ޖުމްހޫރީ ޕާޓީން ބުނުމާއި ގުޅިގެން މަޖިލީހުގެ ތަޅުން ހޫނުވެ ޖަލްސާވަނީ މެދުކަނޑާލާފައެވެ.