ޚަބަރު

"ވ. އަތޮޅުގެ ތަރައްޤީއަށް 40 މިލިއަނަށްވުރެ ގިނަރުފިޔާ ޚަރަދުކޮށްފި"


ރާއްޖޭގެ އާބާދީގެ އެންމެ ކުޑަ އަތޮޅު، ވ. އަތޮޅުގެ ތަރައްޤީއަށް ރައީސް ޔާމީންގެ ސަރުކާރުން 40 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ކެމްޕޭން މަންދޫބެއްގެ ގޮތުގައި ފިނޭސް މިނިސްޓަރ އަޙްމަދު މުނައްވަރު ވ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު ކެޔޮދޫއަށް ވަޑައިގެން އެރަށުގެ ޒުވާނުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ މުނައްވަރު ވިދާޅުވީ އެމް.ޑީ.ޕީ ސަރުކާރުގައި ކެޔޮދޫގެ ތަރައްޤީއަށް ޚަރަދުކޮށްފައިވަނީ އެންމެ 7 މިލިޔަން ރުފިޔާކަމަށެވެ. ނަމަވެސް ވޭތުވެދިޔަ 4 އަހަރު ތެރޭގައި ވ. އަތޮޅަށް 40 މިލިޔަން ރުފިޔާއަށްވުރެ ބޮޑު ޢަދަދެއް އިންވެސްޓެއް ކޮށްފައިވާކަމަށެވެ.

މިދަތުރުފުޅުގައި މިނިސްޓަރ ވަނީ ކެޔޮދޫގެ ޕީ.ޕީ.އެމް "އޯކޭ' ޖަގަހަ ހުޅުވައި ދެއްވާފައެވެ. އަދި ވ. ފެލިދުއަށް ވަޑައިގެން އެރަށު ހާބަރު މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ބަޔަކާ ޙަވާލުކޮށްފައެވެ. މީގެ އިތުރުން އެއަތޮޅު ތިނަދޫއަށް ވަޑައިގެން މިނިސްޓަރ ވަނީ އެރަށުގެ ސްކޫލްގެ ފަރާތުން އިންތިޒާމް ކޮށްފައިވާ ބިޒްނަސް އެގްޒިބިޝަން ހުޅުވައި ދެއްވާފައެވެ.

ވ. އަތޮޅުގެ ރަށްތަކަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ކުރެއްވި ދަތުރުފުޅުގައި އެ ރަށްތަކުންވަނީ މިނިސްޓަރ އަށާއި ޓީމަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. މިނިސްޓަރ ވަނީ އެއަތޮޅުގެ ރައްޔިތުންގެ ޙާލު ބައްލަވާލައްވައި، ދަތިތައް އޮޅުންފިލުއްވާފައެވެ.

މި ސަރުކާރުން ވ. އަތޮޅުގައި 30 މަޝްރޫޢެއް ހިންގާފައިވާއިރު، މި މަޝްރޫޢުތަކަށް ޖުމްލަ 57 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.