ވިޔަފާރި

ބައިނަލްއަޤުވާމީ ފެންވަރެއްގައި ރާއްޖޭގައި ވިޔަފާރި ކުރުމުގެ ގިނަ ފުރުޞަތުތަކެއް އެބައޮތް - "މެއަސްކް ލައިން"


ރާއްޖޭގައި ބައިނަލްއަޤުވާމީ ފެންވަރެއްގައި ވިޔަފާރި ކުރުމުގެ ގިނަ ފުރުޞަތުތަކެއް އެބައޮތްކަމަށް "މެއަސްކް ލައިން" ކޮންޓެއިނަރ ޝިޕިންގ ލައިން ކުންފުނިން ރާއްޖެއަށް ކަޑައަޅާފައިވާ މެނޭޖިންގ ޑިރެކްޓަރ ސްޓީވް ފެލްޑަރ ވިދާޅުވެއްޖެއެވެ.

"މެއަސްކް ލައިން"އިން ރާއްޖެ، އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝް، ނޭޕާލް އަދި ބޫޓާނަށް ކަޑައަޅާފައި ހުންނަ މެނޭޖިން ޑިރެކްޓަރ ފެލްޑަރ މިހެންވިދާޅުވީ އެކުންފުނިން ރާއްޖެއަށް އަލުން މުދާ އެތެރެކުރުމުގެ އޮޕަރޭޝަން ފެށުމާބެހޭ ގޮތުން ނެރުއްވި ބަޔާނެއްގައެވެ.

"މެއަސްކް ލައިން" ގެ އޮޕަރޭޝަން ރާއްޖެއަށް އަލުން ފެށުމާބެހޭގޮތުން ފެލްޑަރ ވިދާޅުވީ ރާއްޖެއަކީ ކުރިއަރަމުން އަންނަ ޤައުމެއްކަމަށާ، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާ ވަރަށް ބޮޑަށް ފުޅާވެފައިވާކަމަށެވެ. އަދި ހަފްތާއަކު އެއްފަހަރު ސްރީ ލަންކާއާ ރާއްޖެއާ ދެމެދު މުދާ އުފުލަން ފެށުމުން މިޞަރަޙައްދުގައި ވިޔަފާރީގެ ގުޅުން ބަދަހިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މެއަސްކް ލައިން"އަކީ ކޮންޓެއިނަރ އުފުލާ އެންމެ ބޮޑު އެއް ޝިޕިން ލައިންއެވެ. މިގޮތުން މިކުންފުނިންދަނީ ދުނިޔޭގެ 121 ޤައުމަކަށް އޮޕަރޭޓްކުރަމުންނެވެ. "މެއަސްކް ލައިން"ގެ 343 ޕޯޓް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވެއެވެ. "މެއަސްކް ލައިން" އަކީ ކަނޑު އަދި ވައިގެ މަގުން މުދާ ޝިޕްކޮށްދޭ ކުންފުންޏެކެވެ.