ޚަބަރު

މިއަހަރުގެ ޙައްޖު ޚުޠުބާ އިއްވަވާނީ ޝައިޚް ހުސައިން ބިން ޢަބްދުލް ޢަޒީޒް އަލްޝައިޚް


މިއަހަރުގެ ޙައްޖު ޚުޠުބާ އިއްވުމަށް ހަމަޖެހިފައިވަނީ ޝައިޚް ޙުސައިން ބިން ޢަބްދުލް އަޒީޒް އަލްޝައިޚް އެވެ. ޙައްޖުދުވަހުގެ ޚުތުބާ އިއްވަން މި ބޭފުޅާ ހަމަޖެއްސެވީ ސަޢުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް އަލް ސައުދެވެ.

ޝައިޚް ޙުސައިން ބިން ޢަބްދުލް ޢަޒީޒް އަލްޝައިޚަކީ މަސްޖިދުލް ނަބަވީގެ އިމާމެއްގެ އިތުރުން މާތްވެގެންވާ މަދީނާގެ ހައިކޯޓުގެ ފަނޑިޔާރެކެވެ. މީގެ އިތުރުން ޝައިޚް ޙުސައިން ބިން ޢަބްދުލް އަޒީޒް އަލްޝައިޚަކީ އިސްލާމްދީނުގެ އެންމެ މަތިވެރި އެއް އަސާސްކަމުގައި ވާ ފިޤްޙު ޢިލްމާއި ރަސޫލާގެ ޙަދީޘްތައް އުނގަންނައިދިނުމާއެކު ސަޢުދީއަރަބިއްޔާގެ ރިޔާޟުގެ މައި މިސްކިތުގައި ދީނީ އަދި ޢިލްމީ އެތައް ދަރުސްތަކެއް ދެއްވަމުންގެންދަވާ ބޭފުޅެކެވެ.

ސައުދީ ޢަރަބިއްޔާގެ ދެކުނު ބަނީ ތަމީމަށް އުފަން ޝައިޚް ޙުސައިން ބިން ޢަބްދުލް ޢަޒީޒް އަލްޝައިޚް ދީނީ ނަޞޭޙަތް ދިނުމުގެ މަސައްކަތް ފެއްޓެވީ ސައުދީ އަރައްބިއްޔާގެ ވެރިރަށް ރިޔާޒްގައެވެ. އަދި މަސްޖިދުއްނަބަވީ ގައި އިސްވެ އިމާމު ކުރައްވަން ފެއްޓެވީ މީގެ ވިހި އަހަރު ކުރިންނެވެ.

މިދިޔަ އަހަރު ޙައްޖު ޚުޠުބާ އިއްވެވީ ޝެއިޚް ސާދު އަލްޝެތްރީ އެވެ.