ޚަބަރު

ނ.އަތޮޅުގައި އިތުރު އެއަރޕޯޓެއް ހައްދަވާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުލްﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެވަނަ ދަޢުރަކަށް ހޮވިވަޑައިގެންފިނަމަ ނ.އަތޮޅުގައި އިތުރު އެއަރޕޯޓެއް ހައްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުލްﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ނ.ވެލިދޫއަށް ވަޑައިގެން އެރަށުގައި ސަރުކާރުން ހިންގާފައިވާ ތިން މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ދެވަނަ ދަޢުރަކަށް ހޮވިވަޑައިގެން ފުރަތަމަ ދެއަހަރުދުވަހުގެ ތެރޭގައި ނ.ވިހަފަރުގައި އެއަރޕޯޓްއަޅައި ފްލައިޓް ޖެއްސޭނެގޮތް ހައްދަވައިދެއްވާނެކަމަށެވެ.

މި އެއަރޕޯޓްގެ ސަބަބުން ވެލިދޫއާއި ހޮޅުދޫގެ ރައްޔިތުންގެ އިތުރުން އަތޮޅުގެ އެހެން ރަށްތަކުގެރައްޔިތުންނަށް ވެސް ވައިގެ މަގުން ދަތުރުކުރުމުގައި ލުއިފަސޭހަވެގެންދާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން އެ އަތޮޅަށް ވަޒީފާގެ އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެއެވެ.

"ގާތްގަނޑަކަށް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑު މަތިންދާބޯޓެއްގައި ވިހަފަރަށް ޖައްސާލުން ކިހިނެއް ވާނެތޯ؟ އެއީ އެކަމަކު އެކަން ކުރެވޭނީ ކުރިއަށް އޮތް އިންތިޚާބުގައި އެ މަނިކުފާނަށް ދެ ވަނަ ފަހަރަށް ފުރުސަތެއް ލިބިގެން"

ރައީސް ޔާމިން ވިދާޅުވިއެވެ.

ވެލިދޫކައިރީގައި އޮންނަ ވިހަފަރަކީ ވެލިދޫގެ ގިނަ ބަޔަކު އެތަނުން ވެލި ނަގުމަށް ގޮސްއުޅޭ ފިނޮޅެކެވެ. އެހެންނަމަވެސް މިހާރު އެ ފިނޮޅުން ވެލިނެގުމުގެ ސަބަބުން، ފިނޮޅު ވަރަށް ކުޑަވެފައި އޮތް ނަމަވެސް، އެއީ ވަރަށް ބޮޑު ސަރަޙައްދެއް ހިއްކާލެވޭނެ ތަނެކެވެ.

އެއަރޕޯޓްތައް ތަރައްޤީކޮށް އައު އެއަރޕޯޓްތައް ހެދުމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިގެން ކުރިއަށްގެންދާ އެއް މަޝްރޫޢެވެ. މިގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރަމުންދާއިރު މިހާރުވެސް ސަރުކާރުން ގެންދަނީ އިތުރު އިންޓަނޭޝަނަލް އެއަރޕޯޓުތަކާއި ޑޮމެސްޓިކް އެއަރޕޯޓްތައް އަޅަމުންނެވެ.