އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ރިޔާސީ ކެނޑިޑެޓު އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތް ކާމިޔާބޫ އުފާފާޅުކުރުން މިއަދު ހަވީރުންފެށިގެން ކުރިއަށްދާނެކަމަށް އެމްޑީޕީން ބުނެފިއެވެ.
މިއަދު އެޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކޮށް، ހަމަނުޖެހުމަކަށް ފުރުސަތުނުދިނުމަށް ސަޕޯޓަރުންނަށް އިލްތިމާސްކޮށްފއިވެއެވެ. ރައީސް ޔާމީން ރިޔަސީ އިންތިޚާބުގެ ބަލި ޤަބޫލްކުރެއްވުމާއެކު އުފާފާޅުކުރުމުގެ ހަރަކާތްތައް ފެށިގެންދާނެކަމަށާއި އެހެންނަމަވެސް ހަމަނުޖެހުމުން އުފެއްދުމުގެ އެއްވެސް ފުރުޞަތެއް ނުދޭނެކަމަށް އެމްޑީޕީއެިން ބުނެއެވެ.
އެ ޕާޓީން ބުނީ މިއަހަރުގެ ރިޔާސީ އިންތިޚާބް އިބްރާހިމް މުޙައްމަދު ޞާލިހް ކާމިޔާބު ކުރެއްވުމާއެކު އެކަމުގެ އުފާފާޅުކުރުން ރާއްޖޭގެ ހުރިހާ ސަރަޙައްދެަގައި މިއަދު ހަވީރު އެކި ކަހަލަ ހަރަކާތްތައް ކުރިއަށްގެންދާނެކަމަށެވެ. އަދި މި ހަރަކާތްތައް ކުރިއަށްގެންދާއިރު އެ ޕާޓީގެ މެމްބަރަުންވެސް ބައިވެރިވާނެކަމަށްވެސް އެ ޕާޓީން ބުނެއެވެ.
ނޫސްވެރިންގެ ބަައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ނައިބްރައީސް ވިދާޅުވީ އުފާފާޅުކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާއިރު އެ ހަރަކާތްތައް ކުރިއަށްދާނީ ޤާނުނީ އިމުގެ ތެރެއިން ވަރަށްއަމާންކަމާއެކުކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމަުން އެމްޑީޕީގެ ޗެއަރޕާރސަން އަލްއުސްތާޛް ޙަސަން ލަޠީފްވިދާޅުވީ މިހާރު ޖަލުގައި ތިބި ސިޔާސީ ލީޑަރުން މިިނިވަންކުރާނެކަމަށާއި އެމްޑީޕީގެ ސަރުކާރެއް އޮތްކަމުގައި ވީނަމަވެސް ޕާޓީން ކުރަންޖެހޭ ކަންތައްތައްވެސް ކުރަމުންދާނެކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި ރާއްޖެ އިންސާފްގެ މަގަށް ގެނެސްދޭނެކަމަށާއި މިހާރު ޖަލުހުކުމެއް ތަންފީޒްކުރަމުންދާ ރާއްޖެއިން ބޭރުގައި ހުރި ކުރީގެ ރައީސް މުޙައްމދު ނަޝީދު ވަރަށް އަވަހަށް ރައްޔިތުންނާ ބައްދަލުކުރައްވާނެކަމަށްވެސް ޙަސަން ލަޠީފް ވިދާޅުވިއެވެ.
އިބްރާޙީމް މުޙައްމަދު ޞާލިޙު އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ވާދަކުރައްވައެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާގައިވާގޮތުން، އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންފައި ވަނީ 134616 (އެއްލައްކަ ތިރީސް ހަތަރުހާސް ހަސަތޭކަ ސޯޅަ) ވޯޓެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޢަބްދުﷲ ޔާމީނަށް ލިބިވަޑައިގެންފައި ވަނީ 96132 (ނުވަދިހަ ހަހާސް އެއްސަތޭކަ ތިރީސް ދޭއް) ވޯޓެވެ.