ޚަބަރު

އިންޑިއާކަނޑުގެ އެންމެމަޤުބޫލު މަންޒިލަކީ ރާއްޖެ


ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެންމެ މަޤުބޫލު މަންޒިލުގެ އެވޯޑު ރާއްޖެއިން ކާމިޔާބުކޮށްފިއެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ފާހަގަކުރެވޭ ޚިދުމަތްތައްދޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ އެވޯޑެކެވެ.

މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެފްރިކާ އާއި އިންޑިއާ ކަނޑުގެ ސަރަހައްދަށް ޚާއްސަކޮށްގެން ބޭއްވި ޙަފްލާ ކުރިޔަށްދިޔައީ ސައުތް އެފްރިކާގެ ދަ ޑާބަން އިންޓަރނޭޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ. މިއެވޯޑްސްގެ ތިން ކެޓަގަރީއެއް ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. މިގޮތުން ރާއްޖެއިންވަނީ ސީޝެލްސް އަދި މޮރިޝަސްފަދަ ޤައުމުތަކާ ވާދަކޮށް، އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން، އިންޑިއަން އޯޝަންގެ ލީޑިން ބީޗް، އަދި އިންޑިއަން އޯޝަން ލީޑިންގް ޑައިވް ކެޓަގަރީ ކާމިޔާބުކޮށްފައެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ބައިތަކަށް ބަހައިގެން ފަތުރުވެރިކަމުގެ ޚިދުމަތްތައް ދޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދެމުންދާ އެވޯޑެކެވެ. ރާއްޖެއިން އަންނަނީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގޮތުން ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގިނަ ކެޓަގަރީތަކަކުން ކޮންމެ އަހަރަކުވެސް އެވޯޑު ޙާސިލްކުރަމުންނެވެ.