މޯލްޑިވްސް އިސްލާމިކް ބޭންކުގެ އަތޮޅުތަކުގެ ބްރާންޗުތަކަކުން އަމާނާ ތަކަފުލް އިންޝުއަރެންސްގެ ޚިދްމަތް ދޭން ފަށައިފިއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެމުން އަމާނާ ތަކަފުލްގެ ސީނިއަރ އެގްޒެކެޓިވް އަޙްމަދް ޝަަމްޢޫލް ޢަބްދުﷲ ވިދާޅުވީ މާލެއެކޭ އެއް އުޞޫލަކުން އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީގައިވެސް އަމާނާ ތަކަފުލްގެ ޚިދްމަތް މިހާރު ލިބޭނެކަމަށެވެ. އޭނާ ވިދާޅުވީ އެ ކުންފުނީގެ ޢަމާޒަކީ އަމާނާ ތަކަފުލްގެ ޚިދުމަތް މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގައިވެސް ފުޅާ ދާއިރާއެއްގައި ފަސޭހަކަމާއެކު ފޯރުކޮށްދިނުން ކަމަށެވެ. އަދި ކުރިއަށްއޮތް މަހެއްހާ ދުވަހުގެތެރޭގައި ކުޅުދުއްފުއްޓާއި ތިނަދޫގައިވެސް އަމާނާ ތަކަފުލްގެ ޚިދްމަތް އެ ދެރަށުގައި ހުންނަ އިސްލާމިކް ބޭންކުގެ ބްރާންޗް މެދުވެރިކޮށް އާންމުންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުން ވަނީ ޢާންމުންނަށް މަޢުލޫމާތު ދިނުމުގެ ގޮތުން އައްޑޫސިޓީ ފޭދޫ ބަނދަރު ޞަރަޙައްދުގައި ރޯޑު ޝޯވ އެއްވެސް ބާއްވާފައެވެ. މި ރޯޑް ޝޯވގައި ބޭންކު އެކައުންޓު ވަގުތުން ހުޅުވައިދީ، އިންޓަނެޓް ބޭންކިންގެ މަޢުލުމާތު ދިނުމުގެ އިތުރުން ބޭންކުން ދޫކުރާ ފެސިލިޓީސްތަކާގުޅޭ މަޢުލޫމާތު ދިނުންވެސް ކުރިއަށް ގެންދިޔައެވެ. އަދި އަމާނާ ތަކަފުލް އިންޝުއަރެންސާ ބެހޭގޮތުންވެސް މި ރޯޑް ޝޯވގައި މަޢުލޫމާތު ދިނެވެ.
މިފަދަ އިތުރު ރޯޑްޝޯވއެއް އަންނަ ހޯމަ ދުވަހުގެ ހަވީރު އައްޑޫ ސިޓީ ހިތަދޫ ސްވަދީވް ރެސްޓޯރެންޓުގައިވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ.
އަމާނާ ތަކަފުލްއަކީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް އިންޝުއަރެންސް ކުންފުންޏެވެ.