ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖެދޫކޮށް ފިއްލަވަން އުޅޭކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޮގުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުޢާޒު އަލީ ވިދާޅުވީ ރައީސް ޔާމީނަކީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް އަދި އެއަށް ފަހުންވެސް ފިއްލައްވާނެ ބޭފުޅެއް ނޫންކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ޖިނާޢީ ޙުކުމްތަކުން އެކިކަހަލަ ތުޚުމަތުތަކުން ފިއްލެވިޔަސް، ރައީސް ޔާމީނަކީ ފިއްލަވާނެ ބޭފުޅެއް ނޫންކަމަށް މުއާޒް ވިދާޅުވިއެވެ.
ރައީސް ޔާމީން ރާއްޖެ ދޫކޮށް ފިއްލަވަން އުޅުއްވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފައިވާއިރު ރައީސް ޔާމީން ފިއްލަވަން އުޅޭކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވައިދިނުމަށް އެދި އިދިކޮޅު ކޯލިޝަނުން ފުލުހުންނަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.
ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި ފުރާވަޑައިގަންނަވަން އުޅުއްވާކަން އެނގިފައިވާ ކަމަށާއި ޤަނޫނީ އިމުގެ ތެރެއިން އެކަން ހުއްޓުވައި ރައީސް ޔާމީނަށް ތުޚުމަތުކުރާ މައްސަލަތައް ތަހްޤީގުކޮށް އިންސާފު ޤާއިމްކުރަންޖެހޭކަމަށެވެ.
"ރައީސް ޔާމީންގެ މައްޗަށް ކޮރަޕްޝަންގެ އެތައް މައްސަލަތަކެއް ހުރި އިރު، ޤާނުނުގެ ތެރެއިން ރައީސް ޔާމީން ފުރާވަޑައި ނުގެންނެވޭނެގޮތަށް ހިފެހެއްޓުމަކީ މިވަގުތު ކުރަންޖެހޭ ކަމެއް. ރައީސް ޔާމީންގެ ވައްކަމާއި ޚިޔާނާތުގެ އެތައްބައިވަރު މައްސަލަތަކެއް މިހުރި ތަޙްޤީގުގެ މަރުހަލާގައި" ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ޞާލިޙަށް ރައްޔިތުން ވޯޓު ދެއްވި މައިގަނޑު އެއް ސަބަބަކީ ރައީސް ޔާމީންގެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ގާއިމް ކުރުންކަމަށެވެ.