ޚަބަރު

ދިވެހި ރަހަތައް ޗައިނާ މީހުންނަށް ދައްކާލައިފި


އިނާގައި ހުންނަ އެކި ޤައުމުތަކުގެ އެމްބަސީތަކުން ބައިވެރިވާ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ، އިންޓަރނޭޝަނަލް ޗެރިޓީ ސޭލްގައި ރާއްޖެއިން ބައިވެރިވެ ދިވެހި ރަހަތައް ޗައިނާ މީހުންނަށް ދައްކާލައިފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީއާއި ޗައިނާ ފައުންޑޭޝަން ފޮރ ޕަވަރޓީ އެލިވިއޭޝަން ގުޅިގެން އަހަރަކު އެއްފަހަރު ބާއްވާ މިހަރަކާތުގެ ބޭނުމަކީ ޗައިނާގެ ފަގީރު ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެހީވުމަށް ފައިސާ އެއްކުރުމެވެ. އެގޮތުން މި ހަރަކާތުގައި ބައިވެރިވާ އެމްބަސީތަކުން ތަކެތި ވިއްކައިގެން ލިބޭ ފައިސާ ޗައިނާ ފައުންޑޭޝަން ފޮރ ޕަވަރޓީ އެލިވިއޭޝަންއަށް ހަދިޔާ ކުރެއެވެ،

އިންޓަރނޭޝަނަލް ޗެރިޓީ ސޭލް ހަރަކާތުން މިއަހަރު އެއްކުރެވޭ ފައިސާ ޙަރަދު ކުރުމަށް ހަމަޖެހިފައިވަނީ އަޑު އިވުމުން މަޙްރޫމް ވެފައިވާ ކުދިންނަށް ބޭނުންވާ ބޭސްފަރުވާގެ ކަންތައްތަކަށެވެ.

މާތް މަޤްސަދެއްގައި ބާއްވާ ހަރަކާތަކަށްވުމުން ކޮންމެ އަހަރަކުވެސް އެމްބަސީތަކުގެ ބޮޑު އެއްބާރުލުމެއް މި ހަރަކާތަށް ލިބެއެވެ. އެގޮތުން މިއަހަރުވެސް ގާތްގަނޑަކަށް ސަތޭކައެއްހާ އެމްބަސީން މި ހަރަކާތުގައި ބައިވެރިވިއެވެ. އިންޓަރނޭޝަނަލް ޗެރިޓީ ސޭލް ހަރަކާތަށް މިއަހަރު 10 އަހަރު ފުރޭ އިރު، ފާއިތުވި 4 އަހަރުވެސް ރާއްޖެއިން މި ހަރަކާތުގައި ބައިވެރިވިއެވެ.

މިއަހަރުގެ ޗެރިޓީ ސޭލް ހަރަކާތުގައި ރާއްޖެއިން ބައިވެރިވިކޮށްފައިވާ ސްޓޯލްއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޗައިނާގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ފައިސަލް ވިދާޅުވީ ރާއްޖޭގެ ސްޓޯލުން ޗައިނާ މީހުންނަށް ރާއްޖޭގެ ކެއުންތަކާއި ރާއްޖެއާއި ގުޅޭ އެކި ކަހަލަ ސްވެނިއަރސް ވިއްކާފައިވާ ކަމަށެވެ.

ޗައިނާ މީހުންގެ މެދުގައި ރާއްޖެއަކީ މަޝްހޫރު ފަތުރުވެރި މަންޒިލަކަށްވުމުން އެމީހުންގެ ފަރާތުން ބޮޑު ޝައުގުވެރިކަމެއް ރާއްޖޭގެ ސްޓޯލްއަށް ލިބުނުކަން ސަފީރު ފާހަގަކުރެއްވިއެވެ.

" ޗައިނާގައި ރާއްޖެ ވަރަށް މަޝްޙޫރު، ރާއްޖޭގެ ކެއުންތަކާއި ސްވެނިއަރސް ފަދަ ތަކެތި މިކޮޅުން ފެންނަން ހުރުން ވަނީ އެމީހުންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް، އަދި މި ހަރަކާތްވެގެންދަނީ ޗައިނާގައި ރާއްޖެ އިތުރަށް ޕްރޮމޯޓު ކުރުމަށް ލިބޭ ފުރުސަތަކަށް' ސަފީރު ވިދާޅުވިއެވެ.

ރާއްޖޭގެ ސްޓޯލްއަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު، އެމީހުންގެ ވަނީ ރާއްޖޭގެ ރީތި ކަމާއި ރާއްޖޭގެ ސްޓޯލްއިން ލިބެން ހުރި ކެއުންތަކަށް ތަޢުރީފްކޮށްފައެވެ.

ބެއިޖިންގ ނެޝަނަލް ސްޓޭޑިއަމްގައި ކުރިއަށްދިޔަ މި ހަރަކާތް ފެށުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާގެ ފޮރިން މިނިސްޓަރ ވަންގް ޔީ އަދި އަނބިކަބަލުން ޗިއަން ވޭ ވަނީ ޙާއްސަ މެހްމާނުންގެ ގޮތުގައި ބައިވެރިވެފައެވެ.

މިދިޔަ އަހަރުގެ ޗެރިޓީ ސޭލް ހަރަކާތުން ބައި މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާ އެއްކުރެވުނު ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.