ޚަބަރު

ލޭބަރުންގެ ތެރެއިން %6 މީހުން ކުރާނެ މަސައްކަތެއް ނެތް - ސްޓެޓިސްޓިކް ބިއުރޯ


ރާއްޖޭގެ ލޭބާ ފޯސް ނުވަތަ މަސައްކަތު މީހުންގެގެތެރެއިން %6 މީހުންނަކީ ވަޒީފާއެއް ނުވަތަ ކުރާނެ މަސަކަތެއް ނުލިބޭ މީހުންކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ދިރާސާއަކުން ދައްކައިފިއެވެ.

އެބިއުރޯއިން ނެރުނު 2016ވަނަ އަހަރުގެ ގޭބިސީގެ ޢާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭއިން ދައްކާ ގޮތުން 2016ވަނަ އަހަރު ރާއްޖޭގެ ލޭބާ ފޯސްގައި ހިމެނިފައިވާ މީހުންގެ ތެރެއިން %93 އަކީ ޢާމްދަނީލިބޭ މަސައްކަތްކުރާ މީހުންނެވެ. އެގޮތުން ރާއްޖޭގެ އަބާދީގެ 263311 މީހުންނަކީ ޢުމުރުން 15 އަހަރުން މަތީގެ މީހުން ކަމަށްވާއިރު، މުޅި ރާއްޖެއަށްބަލާއިރު 15 އަހަރުންމަތީގެ އާބާދީގެ ތެރެއިން %75 ފިރިހެނުންނާއި %42 އަންހެނުން ލޭބާފޯސްގައި ހިމެނޭކަމަށް ސްޓެޓިސްޓިކް ބިއުރޯގެ ސަރވޭއިން ދައްކައެވެ.

މީގެއިތުރުން ޢުމުރުން 15 އަހަރުންމަތީގެ އާބާދީގެ ތެރެއިން %25 ފިރިހެނުންނާއި %58 އަންހެނުންނަކީ ލޭބާފޯސްގައި ނުހިމެމެނޭ އާބާދީއެވެ.

މާލެއާއި އަތޮޅުތަކުގައިވެސް ފިރިހެނުންނާއި އަޅާބަލާއިރު އަންހެނުން ވަޒީފާގެ މާހައުލުގައި ބައިވެރިވުން ކުޑަވެފައިވަނީ ގޭތެރޭގެ މަސައްކަތާއި ދަރިންޏާއި ޢާއިލާގެ މެމްބަރުންގެ ޚިދުމަތުގައި ނިސްބަތުން އަންހެނުންގެ ޒިންމާ ބޮޑުވުމުގެ ސަބަބުންކަމަށް ސްޓެޓިސްޓިކް ބިއުރޯއިން ހާމަކުރެއެވެ.
ރާއްޖޭގެ ލޭބާ ފޯސްގައި ހިމެނޭ 151706 މީހުންގެ ތެރެއިން %47 މީހުން މާލޭގައި ދިރިއުޅޭއިރު %53 މީހުން ދިރިއުޅެނީ އަތޮޅުތަކުގައެވެ.