ޚަބަރު

ހުރިހާ ބިލެއް ދެއްކޭ މޮބައިލް އެޕްލިކޭޝަނެއް


ފެނާއި ކަރަންޓާއި ފޯނުފަދަ ޢާއްމު ޚިދުމަތްތަކަށް ދައްކަން ޖެހޭ ހުރިހާ ބިލެތް ދައްކާލެވޭ މޮބައިލް އެޕްލިކޭޝަން "ޕޭޔާރ"ގެ ނަމުގައި އިފްތިތާހުކޮށްފިއެވެ.

ޕޭޔާރ ޕްރައިވެޓް ލިމިޓެޑްއިން އިފްތިތާހް ކުރި މި އެޕްލިކޭޝަންއަކީ މިގޮތަށް އުފެއްދި ދިވެހި ފުރަތަމަ މޮބައިލް އެޕްލިކޭޝަނެވެ. މި އެޕްލިކޭޝަނަކީ ހުރިހާ ޕޭމަންޓެއް އެއްތަނަކުން ދެއްކޭނެ މަގު ފަހިކުރުމުގެގޮތުން ހެދި އެޕްލިކޭޝަނެކެވެ.

އެގޮތުން މި އެޕްލިކޭޝަނުން ރާސްޓަސްއާއި ރީލޯޑު ކުރެވުމުގެ އިތުރުން އޫރީދޫގެ ބިލްތަކަށް ފައިސާ ދެއްކުމުގެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރަށް ލަވަފޮށި، އައިޓިއުންސް، ގޫގަލް ޕްލޭ، ޕްލޭސްޓޭޝަން ނެޓްވޯކް އަދި ސްޕޮޓިފައިގެ ގިފްޓް ކާޑުތައް ގަންނަން ލިބޭނެކަމަށްވެސް ޕޭޔާރ ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ.

މީގެ އިތުރަށް، ކުރިޔަށް އޮތްތަނުގައި ޕޭޔާރ މެދުވެރިކޮށް ކަރަންޓް، ފެން ބިލް ދެއްކުމުގެ ހިދުމަތާއި އަދިވެސް އެހެނިހެން ގިނަ ހިދުމަތްތަކެއް ލިބިގެންދާނެކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ. ޕޭޔާރ ޕްރައިވެޓް ލިމިޓެޑުގެ ސީއީއޯ އަލީ ހާރިސް ވިދާޅުވީ މިހާރުވެސް ވަކިވަކިން އޮންލައިންކޮށް ބިލްދެއްކޭ އެޕްލިކޭޝަންތައް ހުރިކަމުގައިވިޔަސް، ކޮންމެ ޚިދުމަތަކަށް ވަކި އެޕްލިކޭޝަނެއް ފޯނަށް އެޅުމުގެ ބަދަލުގައި އެ ހުރިހާ ޚިދުމަތަކަށް ޕޭޔާރ މެދުވެރިކޮށް ފައިސާ ދެއްކޭނެކަމަށެވެ.

އަދި "ޕޭޔާރ"ގައި އެއް ފަހަރު ދައްކަން ބޭނުންވާ ބިލް އެޑްކުރުމަށްފަހު ކޮންމެ މަހަކު ބިލް ތައްޔާރުވުމުން ނޮޓިފިކޭޝަން ލިބޭނެކަމަށާ، މާކެޓްގައި ހުރި އެހެން އެޕްލިކޭޝަންތަކާ ޚިލާފަށް އެއް އެކައުންޓަށްވުރެ ގިނަ އެކައުންޓްތައް މެނޭޖްކޮށް، އެއްފަހަރާ އެތައް ބިލެއް ދެއްކުމުގެ ޚިދުމަތް "ޕޭޔާރ" މެދުވެރިކޮށް ލިބޭނެކަމަށް އެފަރާތުން ބުނެއެވެ.

ހާރިސް ވިދާޅުވީ މުސްތަޤުބަލުގައި "ޕޭޔާރ" ޕޭމަންޓުގެ ޚިދުމަތުގެ އިތުރަށް، ފައިނޭޝަލް އެވެއާނެސް އިތުރުކޮށް، މަހެއްގެ މައްޗަށް ހިނގާ ޚަރަދުތައް ޓްރެކް ކުރެވޭފަދަ އެޕްލިކޭޝަނަކަށް "ޕޭޔާރ" ވެގެން ދާނެކަމަށެވެ. "ޕޭޔާރ"ގެ އެންމެ ބޮޑު އުންމީދަކީ، ދުނިޔޭގެ އެންމެ މަގުބޫލް ޕޭމަންޓް އެޕްލިކޭޝަންތައް ކަމުގައިވާ އެލީޕޭ، ވީޗެޓްޕޭ ފެންވަރުގެ ޚިދުމަތެއް ރާއްޖެއަށް ތަޢާރަފްކުރުމެވެ.

"ޕޭޔާރ"ގެ ސަބަބުން ދިވެހިންގެ ދިރިއުޅުން އިތުރަށް ފަސޭހަކޮށް ބިލްދައްކަން ކިއުގައި ޖެހުމުގެ ސަގާފަތް ނައްތާލައި ބިލްތައް ދައްކަން އެތައް އެޕްލިކޭޝަނެއް އެޅުމުގެ ބޭނުން ކެނޑިގެންދާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.