ޚަބަރު

މިފްކޯގެ 25ވަނަ އަހަރީ ދުވަސް އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ފާހަގަކޮށްފި


މިފްކޯގެ 25ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ފާހަގަކޮށްފިއެވެ. މިފްކޯގެ 25 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އައްޑޫ ފިޝަރީޒް ކޮމްޕްލެކެސްގެ ހުރިހާ މުވައްޒަފުންނާއި އިސްވެރިން ބައިވެރިވެ ޙާއްސަ ކޭކެއް ފެޅުމުގެ އިތުރުން މުވައްޒަފުންގެ މެދުގައި ތަފާތު އެކި ހަރަކާތްތައް ހިންގިއެވެ.

އެގޮތުން މުވައްޒަފުންގެ މެދުގައި އެކުވެރި ބަށި އަދި ފުޓްބޯޅަ މެޗެއް ކުޅުމާއި ހުޅުމީދޫ ރައްޔިތުންނަށް ހުޅުވާލައިގެން ޑިނަރ ނައިޓެއްވެސް ބާއްވާފައި ވެއެވެ. މި ޑިނަރ ނައިޓްގައި ވަނީ މުވައްޒަފުންގެ މެދުގައި ކުޅުނު ވާދަވެރި މެޗްތަކުގެ ތެރެއިން އެންމެ މޮޅު ޓީމުތަކަށާއި ކުޅުންތެރިންނަށް އެކަމުގެ އަގު ވަޒަންކޮށް ހަދާނީ ލިޔުން ދީފައެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރ މަހުގެ އެއްވަނަ ދުވަހުގައި މިފްކޯގެ އަހަރީ ދުވަސް ފާހަގަ ކުރަމުންދަނީ ވަރަށް ކުލަގަދަކޮށެވެ. މި ރަސްމިއްޔާތުގެ ތެރެއިން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މިފްކޯ ފިހާރަ (މެރީނާ ޝޮޕް) ވެސްވަނީ ހުޅުވާފައެވެ.

މިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ފިޝަރީޒް ކޮމްޕްލެކެސްގެ ރީޖަނަލް މެނޭޖަރ މުސްތަފާ ޖަމީލް ވިދާޅުވީ މި ފިހާރައަކީ މަސްވެރިންނާއި މިތަނުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން އެއްޗެހި ގަނެ ވިއްކުމަށް ހުޅުވިގެންދިޔަ ފިހާރައެއްކަމަށެވެ.

"މި ފިހާރައަކީ މަސްވެރިންނާއި މިތާ މުވައްޒަފުންނަށް ޚާއްސަކޮށްގެން އަގު ހެޔޮކޮށް އެއްޗެހި ވިއްކަން ހުޅުވި ފިހާރައެއް. މީގެ އިތުރަށް ކެފޭގެ ޚިދްމަތްވެސް މިތަނުން ލިބިގެންދާނެ. އަދި މަސްވެރިންނަށް ޚާއްސަކޮށްގެން ދޫކުރުމަށް މެރީނާގެ ތިން ކޮޓަރިއެއް ވަކިން ހުރޭ"

މުސްތަފާ ވިދާޅުވިއެވެ.

މީގެ އިތުރަށް އޭނާ ވިދާޅުވީ އައްޑޫ ފިޝަރީޒް ކޮމްޕްލެކެސްގެ މަސައްކަތުގެ ފަސްދޮޅަސް އިންސައްތަ ނިމިފައިވާކަމަށާއި، ފިނިކުރާ ނިޒާމް މުޅިންނިމި މިހާރު ޓެސްޓު ކުރުމުގެ މަސައްކަތް ހިނގަމުންދާކަމަށެވެ.

"ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ގާތް ގަޑަކަށް %60 ނިމިފަ ހުރީ. މެޝިނަރީތަކާއި ބޭނުންވާ ބައެއް ވެހިކަލްތައް ލިބުނުހާ އަވަހަށް މަސައްކަތް ފެށޭނެ. ފިނިކުރި ނިޒާމްވަނީ މުޅިން ނިމިފައި. އަދި ކޯލްޑް ސްޓޯރޭޖްތައް 17އަށް ފިނިކުރެވި ދެ ބްރޭންޑް ޓެސްޓަރ ފިނިކުރަމުން މިދަނީ. އަދި މިހަފްތާތެރޭގަ އަޅުގަނޑުމެން ޓެސްޓަށް މަސް ގަނެވޭނެ ބްރޭންޑްތަކައް"

މުސްތަފާ ވިދާޅުވިއެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން "ޖެޓީ ސްލެބް" އެޅުމާއި ކަރަންޓް ވަޔަރިންގްކުރުން ފަދަ މަސައްކަތްތަކެއް ހިމެނެއެވެ. ފެކްޓްރީ ހުޅުވަން ތައްޔާރުވަމުންދާއިރު، އައްޑޫން ގިނަ ޢަދަދެއްގެ ވަޒިފާ އުފެދިގެންދާނެއެވެ.

ޖުމުލަ 200 އެއްހާ ވަޒީފާގެ ފުރުސަތް ޒުވާނުންނަށް ލިބިގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ. އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ ދުވާލެއްގެ މައްޗަށް 50 ޓަނުގެ އައިސް އުފެއްދާ ،200 ޓަނުގެ ތެޔޮ ރައްކާ ކުރެވޭ، އަދި ދުވާލަކު 100 ޓަނުގެ މަސް ބަންދުކުރެވޭ މަސް ފެކްޓަރީއެކެވެ. މީގެ އިތުރުން 250 ޓަނުގެ ފެން އެއް ފަހަރާ އެތަނުގައި ރައްކާކޮށްފައި ބެހެއްޓޭނެކަމަށާއި، އަދި އެއްފަހަރާ ފަނަރަސަތޭކަ ޓަނުގެ މަސް ފިނިކޮށް ރައްކާކުރެވޭނެ ޖާގައެއް އެތަނުގައު އެބަހުރިކަމަށްވެސް މިފްކޯއިން ބުނެއެވެ. އައްޑޫ ފިޝަރީޒް ކޮމްޕްލެކްގެ ޚިދުމަތް އަންނަ ޑިސެމްބަރު މަހު ފަށާނެކަމަށް މިފްކޯއިން ބުނެއެވެ.