ޚަބަރު

ބޯކޮށް ވާރޭވެހި އައްޑޫ ސިޓީގައި ފެންބޮޑުވެއްޖެ


އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރަގައި މަގުތަކުގައި ފެން ބޮޑުވެ ބައެއް ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި އެސިޓީގެ ހިތަދޫގެ ބައެއް ގެތަކަށް ފެންވަދެ ހިފައި ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރުފަދަ ތަކެއްޗަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީވެފައެވެ. ފެން ހިންދުމުގެ މަސައްކަތް ކުރުމަށް އެމްއެންޑީއެފް ސަދަން އޭރިއާގެ ސ.ހިތަދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެއެވެ. އެމްއެންޑީއެފްގެ އިތުރަށް އައްޑޫގެ އާންމު ރައްޔިތުންވެސްވަނީ ގޭގެއަށް ފެން ނުވަންނާނެހެން ވެލި ބަސްތާޖަހުމުގެ މަސައްކަތްކޮށްފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރައްތަކައް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 10 މެލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކައް ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށިގެން ވާކަމަށްވެސް އެއިދާރާއިން ބުނެއެވެ.

އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް މަޑުވާނެކަމަށައި، މެދުތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.