ޚަބަރު

ފުވައްމުލައް ސިޓީގައި ސަޕޯޓިންގް ވަލްނަރަބަލް ފެމެލީސް ގެ ނަމުގައި ޚާއްޞަ ސެމިނަރ ނިންމާލައިފި


ފުވައްމުލައް ސިޓީގައި "ސަޕޯޓިންގް ވަލްނަރަބަލް ފެމެލީސް" ގެ ނަމުގައި ބޭއްވި ޚާއްޞަ ސެމިނަރ ނިންމާލައިފިއެވެ.

މި ސެމިނާގައި، ކޮމިއުނިޓީ ސޯޝަލް ގްރޫޕަށް ބޭނުންވާ ފަދަ ގިނަ ތަމްރީނުތަކެއް ކުރިޔަށްގެންދިޔައެވެ. އެގޮތުން ކުދިން ކުށް ކުރަން މެދުވެރިވާ ސަބަބުތަކާއި، ކުށުގެ ވެއްޓައް ހުށެހެޅިގެންދާ ސަބަބުތަކާއި އެކުދިން ކުށުގެ މާޙައުލުން ސަލާމަތް ކުރެވޭނެ ގޮތްތަކަށް ވެސް ވަނީ އަލިއަޅުވާލާފައެވެ. މި ސެމިނަރގައި ދިން މަޢުލޫމާތުގެ އަލީގައި ފުވައްމުލައް ސިޓީގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ޢާއިލާތަކާއި، ދިމާވާ ގެވެށި އަނިޔާގެ މައްސަލަތައް ދެނެގަނެ އެ މައްސަލަތާއި ކުރިމަތިލާނެ ގޮތްތައް ދެނެގަނެވޭނެކަމަށް ސެމިނަރގެ ބައިވެރިން ބުންޏެވެ.

ކޮމިއުނިޓީ ސޯޝަލް ގުރޫޕުން މުޙައްމަދު ޞަބީރު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ސަޕޯރޓިންގް ވަލްނަރަބަލް ފެމެލީސްގެ ނަމުގައި ހަތަރު ދުވަަހަށް ކުރިއަށް ގެންދިޔަ މި ސެމިނަރގެ މައިގަނޑު މަޤުޞަދަކީ ކުރިއަށް އޮތްތަނުގައި ފުވައްމުލައް ސިޓީއަކީ އަމާން ރައްކާތެރި މުޖްތަމައެއްގެ ގޮތުގައި ހެދުމައްޓަކައި، މިފަދަ ޢާއިލާތަކާއެކީ މަސަކައްކަތް ކުރަން ދަސްކުރުންކަމުގައެވެ. ޞަބީރު ވިދާޅުވީ ސެމިނަރ ވަރަށް ކާމިޔާބު ކަމަށާއި މި ސެމިނަރގެ ސަބަބުން ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިވެގެން ހިގައްޖެކަމަށެވެ. އަދި މިއީ ކާމިޔާބު ހަތަރު ދުވަސް ކަމަށާއި ސެމިނަރ ގެ ސަބަބުން މިދާއިރާގެ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތައް ވަރަށް ފަސޭހަވެގެން ހިނގައްޖެކަމަށެވެ.

ނޮވެމްބަރު ހަތަރަކުން މިއަދުގެ ނިޔަލަށް ކުރިއަށްގެންދިޔަ މިސެމިނަރއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޔުނިސެފް ގުޅިގެން އިންތިޒާމު ކުރި ސެމިނަރއެކެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލުގެ ކޮމިއުނިޓީ ސޯޝަލް ގުރޫޕުތަކާއި ، ޖެންޑަރ މިނިސްޓްރީއާއި، އެޑިއުކޭޝަން މިނިސްޓްރީއާއި ، ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަނުން ބައިވެރިވެ ކަމާގުޅޭ މަޢޫލޫމާތު ޙިއްސާކޮށްފައިވެއެވެ.

2015 އަހަރުން ފެޝިގެން ކޮމިއުނިޓީ ސޯޝަލް ގުރޫޕުތައް ތަމްރީނުކުރުމަށް ބައްވަމުން އަންނަ މި ޕްރޮގްރާމުގައި މިއަހަރު 35 ފަރާތަކުން ބައިވެރިވިއެވެ.