ޚަބަރު

ހިތަދޫ ސްކޫލްގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް އާމިނަތު އަކުމަލް މުޙައްމަދު


ހިތަދޫ ސްކޫލްގެ 2017ވަނަ އަހަރުގެ ހުރިހާގޮތަކުންވެސް އެންމެ މޮޅު ދަރިވަރަކަށް އާމިނަތު އަކްމަލް މުޙައްމަދް ހޮވިއްޖެއެވެ. މި ދަރިވަރަށް އިނާމް ހަވާލުކޮށްފައިވަނީ ހިތަދޫ ސްކޫލްގައި ބޭއްވި އަހަރީ އިނާމް ދިނުމުގެ ޖަލްސާގައެވެ.

ދެހާސް ސަތާރަވަނަ އަހަރު ހިތަދޫ ސްކޫލުން ތަޢުލީމީ ގޮތުންނާއި އެހެނިހެން ރޮނގުން ފާހަގަކޮށްލެވޭ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމްދިނުމަށް ރޭ ހިތަދޫ ސުކޫލްގައި ބޭއްވި އަހަރީ އިނާމްދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަޙްމަދް އަންވަރު އެވެ. މި ޖަލްސާގައި ވާހަކަފުޅުދައްކަމުން ޑރ. އަޙްމަދް އަންވަރު ވިދާޅުވީ އަހަރަކުން އަހަރަށް ނަތީޖާ ރަނގަޅު ކުރުމަށް މަސައްކަތް ކުރަންޖެހޭނެކަމަށާއި، އެގޮތުން މާއްދާތަކަކުން ފާސްވާ އިންސައްތަ އިތުރުކުރުމަށް ޓީޗަރުންނާއި ދަރިވަރުން ކެނޑިނޭޅި މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ ހިތަދޫ ސްކޫލުގެ 90 އިންސައްތަ ކުދިން ހުރިހާ މާއްދާއަކުން ފާސްވުން. އެހާ ހިސާބަށްދެވޭނީ ސްކޫލުގެ ޓީޗަރުންވެސް އަދި ދަރިވަރުންވެސް ރަނގަޅު ސްކޫލުތައް ހިންގާ ގޮތުގެ އާދަކާދަތަކާއި ވައްޓަފާޅި އެގިގެން" ޑރ. އަންވަރު ވިދާޅުވިއެވެ.

ސާނަވީ ތައުލީމުން ހުރިހާ ގޮތަކުން އެންމެ މޮޅު ތިން ދަރިވަރަކު ހޮވާފައި ވެއެވެ. އެ ތިން ދަރިވަރުންނަކީ އާމިނަތު އަކްމަލް އަޙްމަދާއި އައިޝަތު ޒަހުވާ ޝަރްމީލު އަދި އާމިނަތު އަޒްކާ އިޤްބާލެވެ. މީގެ އިތުރުން ގްރޭޑް އަށަކުން ފެށިގެން ގްރޭޑް ދިހައަކާއި ހަމައަށް ކްލާސްތަކުން އެކި މާއްދާތަކުން ރަނގަޅު މާކުސް ހޯދި ދަރިވަރުންނަށާއި ކްލާސް ޕްރޮގްރެސިވް ޕްރައިޒާއި ކްލާސް ޕްރައިޒާއި ސަބްޖެކްޓް ޕްރައިޒް އަދި ސްޕެޝަލް އެވޯޑް ދީފައިވެއެވެ. މީގެ އިތުރަށް އެކެޑެމިކްގޮތުންނާއި ޕަރފޯމެންސްގެ ގޮތުން އެންމެ މޮޅު ކެޑޭޓް އަދި ބޭންޑްސްމޭންވެސް ހޮވާފައި ވެއެވެ.

ހިތަދޫ ސްކޫލުގެ ފާއިތުވި ދިރާސީ އަހަރު ފާހަގަކޮށްލެވެނީ ތަޢުލީމީ ގޮތުންނާއި، އިންޓަރ ސްކޫލް މުބާރާތްތަކުން ދަރިވަރުން ރަން ވަނަތަކެއް ހޯދި އަހަރެއްގެގޮތުގައެވެ. އެގޮތުން 2017ވަނަ އަހަރުގެ ސާނަވީ އިމްތިޙާނުގައި ހިތަދޫ ސްކޫލުން ކަނޑައެޅި ލަނޑުދަޑިއާއި ހަމައަށް ވާސިލުވުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 80 ދަރިވަރުން ކެމްބްރިޖް އަދި އެސްއެސްސީ އިމްތިޙާނުގައި ބައިވެރިވެ ފަސް މާއްދާއިން 75 އިންސައްތައިން ދަރިވަރުން ވަނީ ފާސްވެފައެވެ. ވަކިވަކި މާއްދާތަކުގެ ނަތީޖާއަށް ބަލާލާއިރު ކޮމާސްއާ އެކައުންޓާއި އާޓްސްއާ ހިސާބު އަދި ބީޓެކްއިން ސަތޭކަ އިންސައްތަ ދަރިވަރުން ވަނީ ފާސްވެފައެވެ.

ހިތަދޫ ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސްކޫލުގެ ޕްރިންސިޕަލް ޑރ.އާސިއަތު މުޙައްމަދު ދީދީ ވަނީ ދަރިވަރުންނަށް ލިބިފައިވާ ޢިލްމާއި ބުއްދީގެ ބޭނުން އޭގެ އެންމެ ހެޔޮގޮތުގައި ހިފުމަށް އިލްތިމާސްކޮށްފައެވެ. އަދި ބެލެނިވެރިން ދަރިން ރަގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ހަރުދަނާ ބައެއްގޮތުގައި ހެދުމަށް ކުރައްވާ މަސައްކަތުގައި ސާބިތުވެ ތިބުމަށް އެދި އެދިވަޑައިގެންފައެވެ.

"ހިތަދޫ ސްކޫލުގެ ބެލެނިވެރިންގާތުން އެދެނީ ތިޔަ ބޭފުޅުން ތިކުރައްވާ މަސައްކަތުގައި ސާބިތުވެ ތިއްބެވުމަށް. ދަރިވަރުންނަކީ ޒިންމާދާރު ހަލުވިކަމާއިއެކު ބަދަލުވަމުންދާ ދުނިޔޭގެ ގޮންޖެހުންތަކާއި ކުރިމަތިލެވޭނެފަދަ ބަޔަކަަށް ހެދުމަށް ސްކޫލް ތެރޭގަޔާއި ސްކޫލުން ބޭރުގަ ކުރަންވާ މަސައްކަތުގައި ދެމި ތިއްބެވުމަށް އިލްތިމާސްކުރަން. އަދި ދަރިވަރުންނަށް ލިބިފައިވާ ހުރިހާ ވަސީލަތްތަކާއި ލިބޭ މައުލޫމާތައް ޒިންމާދާރު ކަމާއިއެކު ބޭނުންކުރުމަށް ގޮވާލަމުން މިފަދަ ހާލަތްތަކުގަިއ ދަރިވަރުންނަށް ލިިބިފައިވާ އިލްމާއި ބުއްދިގެ ވިސްނުން ޒިންމާދާރު ކަމާއެކު ހެޔޮގޮތުގައި ބޭނުން ހިފުމަށް ގޮވާލަން" ޑރ. އާސިއަތު ވިދާޅުވިއެވެ.

މި ޖަލްސާގައި ސާނަވީ ގްރޭޑުތައް ކަމަށްވާ 8، 9 އަދި 10އެއްގެ ދަރިވަރުންނަށް އިނާމްދީފައިވެއެވެ. ގައުމީ ގަދަ ދިހައެއްގައި ހިތަދޫ ސްކޫލުގެ 9 ދަރިވަރަކު ހޮވިފައިވާއިރު އޭގެ ތެރެއިން އެއް ދަރިވަރަކުވަނީ އެކައުންޓިންގްއިން މުޅި ރާއްޖެއިން އެއްވަނަ ހޯދާފައެވެ. 2017 ވަނަ އަހަރުގެ އޯލެވެލް އިމްތިޙާނުގެ ސްކޫލް ފެންވަރުގައި ހޮވުނު ދަރިވަރުންނަށްވެސް އިނާމް ދީފައިވެއެވެ.

މިދިޔަ އަހަރު މުޅި ހިތަދޫ ސުކޫލުންވެސް އެންމެ ރަނގަޅު ކާމިޔާބީއެއް ހޯދި އާމިނަތު އަކްމަލް ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނީ އޭނާއަށް އެ މަޤާމު ލިބުނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ކަމަށާއި އަދި ސާނަވީ ތަޢުލީމު ފެށުމާއި އެކީގައި މުޅި ސްކޫލުން އެއްވަނަ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.

"ބެސްޓް އޯލް ރައުންޑް ހޯދުމަށް ތިން އަހަރުތެރޭގަ ވަރަށް ގިނަ މަސައްކަތް ކުރެވުނު. ވަރަށް އުފާވޭ ބެސްޓް އޯލް ރައުންޑަޔަށް ހޮވުނީމަ. ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން މިހާ ހިސާބަށް އަޅުގަނޑަށް އާދެވުނީ" އާމިނަތު އަކްމަލް ބުންޏެވެ.

ހިތަދޫ ސްކޫލްގައި ސާނަވީ މަރުހަލާއަށް ކިޔަވައި ދޭން ފެށީ 2011 ވަނަ އަހަރުގައެވެ. 2017 ވަނަ އަހަރު ގްރޭޑް އެކަކުން ދިހައެއްގެ ދަރިވަރުންނަށް އެއްދަންފަޅިއަށް ކިޔަދެވިފައިިވާއިރު، ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ދެ ދަންފަޅިއަށް ކިޔަވާއިދެވިފަވެއެެވެ. ފައުންޑޭޝަން ސްޓޭޖްގައި 170 ދަރިވަރުން ތައުލީމް ހާސިލްކޮށްފައިވާއިރު ސާނަވީ މަރުހަލާގައި ވޭތުވެދިޔަ އަހަރު ތައުލީމް ހާސިލްކޮށްފައިވަނީ 260 ދަރިވަރުންނެވެ.