ޚަބަރު

ރައީސް ނަޝީދުގެ އޮފީހެއް އައްޑޫސިޓީގައި ހުޅުވައިފި


ކުރީގެ ރައީސް މުޙައްމަދު ނަޝީދު އައްޑޫސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެދުނުގެ ވަގުތެއްގައި އެމަނިކުފާނުގެ އޮފީހެއް އައްޑޫ ސިޓީގަ ހުޅުވައިފިއެވެ.

މި އޮފީހަކީ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާ ގުޅޭ އެކިއެކި މަސައްކަތް ކުރުމަށްޓަކައި ހުޅުވުނު އޮފީހެކެވެ. އޮފީސް ހުންނަނީ އައްޑޫ ސިޓީ ހިތަދޫ އެޅެދީދީ (ބޮޑުމަގު) ގެ ބޭރުމަތި ޞަރަޙައްދުގައެވެ. އޮފީސް ހުޅުއްވައިދެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ ތިމާވެއްޓައް ލިބޭ ގެއްލުން ކުޑަކޮށް ރާއްޖޭގެ ރަށްތައް ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު ޢަމާޒެއްކަމަށާއި، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ދިވެހި ރާއްޖެއަށް ވެސް ތިމާވެއްޓާ ގުޅޭ މިފަދަ ތަރައްޤީތައް މުހިންމު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

" ލޯ ކާބަން ސްޓްރެޖީއެއް ނުވަތަ ދުނިޔޭގެ ތިމާވެއްޓައް ގެއްލުން ކުޑަކޮށް ތަރައްގީކުރެވޭނެ ނިޒާމެއް ނުވަތަ އިލްމެއް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ހޯދޭނެ، މިއަދު އެ ޓެކްނޮލޮޖީ ދުނިޔޭގައިވޭ. އަޅުގަނޑު މި އޮފީހުން ކުރަން ގަސްތުކުރަނީ މިދެއްނެވި މަސައްކަތް. އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް އެހެން ޓެކްނޮލޮޖީއަކުން ރާއްޖޭގެ ރައްތައް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އޮފީހެއް އައްޑޫ ސިޓީގައި ހުޅުވުމަށް މިއަދު ހެދުނު ހިތަދޫގައި ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނަށް ތާޢީދުކުރާ ޢާންމުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އައްޑޫ ސިޓީގައި ޙަރަކާތްތެރިވާ އެމްޑިޕީގެ ސަޕޯޓަރުން ބައިވެރިވިއެވެ.

ރައީސް ނަޝީދު އައްޑޫ ސިޓީއަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުވަނީ އައްޑޫ ސިޓީ ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ. މީގެ އިތުރަށް އެމަނިކުފާނު މިއަދު ހެދުނު ހިތަދޫ މެދު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި ހިތަދޫ މެދު ދާއިރާގެ އެކި އުމުރުފުރާގެ ރައްޔިތުން ބައިވެރިވިއެވެ. އައްޑޫ ސިޓީގެ ހިތަދޫ މެދު ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވާ އެ ދާއިރާގެ ރައްޔިތުން ދެއްވި ފަރިއްކޮޅެއްގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވިއެވެ.