މުޅިން އައު މަޝްރުޢޫތަކާއެކު އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދަޢުލަތުގެ ބަޖެޓުގައި ތަޢުލީމީ ދާއިރާއަށް 3.27 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.
ތަޢުލީމީ ދާއިރާއަށް 3.27 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ތަޢުލީމީ ދާއިރާއަށް މުޅިން އަލަށް ފެށުމަށް ގިނަ މަޝްރޫޢުތަކެއް ވަނީ ކަނޑައަޅާފައެވެ.
ތަޢުލީމީ ދާއިރާގައި މުޅިން އަލަށް ފެށުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާ ދިނުމަށް ހަމަޖައްސާފައިވާއިރު، އެކަމަށް 50 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ފުރަތަމަ ޑިގްރީއާ ހަމައަށް ދިވެހިރާއްޖެއިން ކިޔެވުމަށް ހިނގާ ޚަރަދު ދައުލަތުން ހަމަޖައްސައިދިނުމަށް ހަމަޖައްސާފައިވާއިރު އެކަމަށްވެސް 50 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ރާއްޖޭގެ ހުރިހާ ސްކޫލްތަކަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުޅެވޭ ފަދަ ފަސޭޙަ މާހައުލަކަށް ހެދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ 5 މިލިޔަން ރުފިޔާ ކަނޑައަޅާފައެވެ. މީގެ އިތުރުން އަހަރަކު 60 އެމް.ބީ.ބީ.އެސް ޑޮކްޓަރުން އަދި 25 ސްޕެޝަލިސްޓު ޑޮކްޓަރުން ބިނާކުރުމަށްޓަކައި 24.7 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ޖީސީއީ އޭލެވެލް އިމްތިހާނުން 1 ވަނަ ހާސިލްކުރާ ހުރިހާ ފަރާތަކަށް އެ ފަރާތެއް ބޭނުންވާ ގައުމަކުން އަދި ބޭނުންވާ ދާއިރާއަކުން މަތީ ތައުލީމް ފޯރުކޮށްދިނުމަށްޓަކައި ދަޢުލަތުގެ ބަޖެޓުން 40 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.
ތަޢުލީމީ ދާއިރާއަށް ކަނޑައެޅި ބަޖެޓްގައި 3.7 އިންސައްތަ ކަނޑައަޅާފައިވަނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށެވެ. މިގޮތުން ޕީއެސްއިއިޕީގެ ދަށުން ސްކޫލްތައް އިމާރާތްކުރުމުގައި މުޅިން އަލަށް ފަށާ 14 މަޝްރޫއެއް ވަނީ ހިމަނާފައެވެ.
2018 ވަނައަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި 26.7 ބިލިޔަން ރުފިޔާ ހިމަނާފައިވާއިރު މީގެ 10.2 އިންސައްތަ ހިމަނާފައިވާނީ ތަޢުލީމީ ދާއިރާއަށެވެ.