މާލެ ސިޓީގެ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް ގެނައުމާއި ގުޅޭގޮތުން 4 ވަޒީރަކު ސިޓީކައުންސިލާއެކު މަޝްވަރާކޮށްފިއެވެ.
ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ އާއި، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި، ހައުސިންގ މިނިސްޓަރ އާމިނަތު އާޠިފާއާއި، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ، މާލެސިޓީގެ މޭޔަރު ޝިފާ މުޙައްމަދާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި މާލެސީޓީއަށް ދިމާވެފައިވާ ޓްރެފިކް މައްސަލަ ޙައްލުކުރުމާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގައި ކުރިއަށްދިޔަ މި މަޝްވަރާ ބައްދަލުވުމުގައި ބުރިޖާ ގުޅިގެން މާލެއާއި ހުޅުމާލެގައި އިތުރު ބަސް ސްޓޮޕް ތަކެއް ބެހެއްޓުމާއި، މާލެ ސިޓީގައި މުދާ އަރުވައި، ބޭލުމަށް ވަކި ޚާއްޞަ ސަރަޙައްދުތަކެއް ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ.
އަދި ޓެކްސީގެ ޚިދުމަތް މިހާރަށްވުރެ ބޮޑަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކާއި، ޓެކްސީތައް ޕާރކްކުރުމަށް ހަރުދަނާ ނިޒާމެއް ޤާއިމްކުރުމާގުޅޭގޮތުންވެސް މިބައްދަލުވުމުގައި ވަޒީރުންނާއި، ސިޓީ ކައުންސިލުން ވަނީ މަޝްވަރާކޮށްފައެވެ. މީގެއިތުރުން ސިނަމާލެ ބުރިޖުގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމާ ގުޅޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކޮށްފައިވާކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މައުލޫމާތުދެއެވެ.
މާލެ ސިޓީގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ޢާންމުރައްޔިތުންގެ ޚިޔާލު ހޯދުމަތްޓަކައި ޚާއްޞަ ފޯރަމެއްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިސްނަންގަވައިގެން ވަނީ ބާއްވާފައެވެ. އެގޮތުން "ޖަޒީރާ ހޮޅުއަށި" ގެ ފުރަތަމަ ފޯރަމް ޚާއްޞަކޮށްފައިވަނީ މާލޭ މަގުތަކަށް ދިމާވާ މައްސަލަތަކާގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށެވެ.