ޚަބަރު

ލީޑަރޝިޕް އެކެޑަމީގެ "ކޫލް ކޭމްޕް" ބުދަ ދުވަހު ފަށަނީ


ލީޑަރޝިޕް އެކެޑަމީން ކޮންމެއަހަރަކު ބާއްވާ ކޫލް ކޭމްޕް 2018 މިމަހުގެ 5 އިން 10 އަކަށް ބޭއްވުމަށް ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ލީޑަރޝިޕް އެކަޑަމީގެ ހެޑް އޮފް ޓްރެއިނިންގް އެންޑް އިމްޕްލިމެންޓޭޝަން އާޝިޔާ ސަޢީދު ވިދާޅުވީ، ކޫލް ކޭމްޕަކީ އެ އެކެޑަމީއިން ޗުއްޓީ ދުވަސްވަރާ ދިމާކޮށް ކުރިއަށްގެންދާ ޚާއްޞަ ކޭމްޕެއް ކަމަށާއި، މި ކޭމްޕްގެ ތެރެއިން ތަފާތު އެކި ދާއިރާތަކުގެ މައުލޫމާތުތަކާއި އިސްނެގުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެެވެ. މިއަހަރުގެ ކޭމްޕްގައި ކުރީ އަހަރުތަކުގައި ހިމަނާފައިނުވާ ތަފާތު އައު ދާއިރާތަކުން ސެޝަންތަށް ކުރިއަށްދިއުމަށް ހަމަޖެހިފައިވާކަމަށް އާޝިޔާ ވިދާޅުވިއެވެ. އެގޮތުން ތިމާވެއްޓާއި، މޫދުކުޅިވަރާއި، ހޯމް ސައިންސަސް ފަދަ ދާއިރާތަށް މިއަހަރުގެ ކޫލް ކޭމްޕްގައި ހިމަނައިފައިވާކަމަށް އާޝިޔާ ވިދާޅުވިއެވެ.

2015 ވަނަ އަހަރު ބާއްވަން ފެށި މި ކޭމްޕްގައި މިއަހަރުވެސް ބައިވެރިވެވޭނީ 5 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށްކަން ފާހަގަކުރައްވައި އާޝިއާ ވިދާޅުވީ މިއަހަރުގެ ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލްގައިކަމަށެވެ. މިއަހަރުގެ ކޭމްޕްގައި ގިނަ އަދަދެއްގެ ކުދިން މިހާރުވެސް ބައިވެރިވުމަށް ނަންނޯޓްކޮށްފައިވާކަމަށާއި، ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު ކޭމްޕްގެ ތެރެއިންވެސް ލިބިގެންދާނެކަމަށް ލީޑަރޝިޕް އެކެޑަމީން މައުލޫމާތުދެއެވެ.