ކުޅިވަރު

ވެޓްރަންސް ޓީމުގެ ކާމިޔާބީ ފާހަގަކުރަނީ!


މިދިޔަ އަހަރު މެލޭޝީޔާގައި އޮތް އޭޝިއާ ޕެސިފިކް މާސްޓާސް ގޭމްސްގައި ވާދަކޮށް މޯލްޑިވްސް ވޮލީބޯލް ވެޓްރަންސްއިން ހޯދި ކާމިޔާބީ ފާހަގަކޮށް އެކުޅުންތެރިންގެ އަގުވަޒަންކުރަން ޚާއްސަ ހަފުލާއެއް ބާއްވަން ވީއޭއެމުން ނިންމައިފިއެވެ.

މޯލްޑިވްސް ވޮލީބޯލް ވެޓްރަންސް ޓީމުންވަނީ އޭޝިއާ ޕެސިފިކް މާސްޓާސް ގޭމްސްގެ 45 އަހަރުން މަތީގެ އުމުރުފުރާގެ އިންޑޯ ވޮލީ ޗެމްޕިއަންކަން ހޯދައިފައެވެ. އަދި މުބާރާތުގެ ބީޗް ވޮލީ އިވެންޓުން ރާއްޖޭގެ ކުޅުންތެރިން ރަން މެޑަލަކާއި ހަތަރު ރިހި މެޑަލް އަދި އެއް ލޯ މެޑަލްވެސް ހޯދިއެވެ. މީގެ އިތުރުން މުބާރާތުގެ 50 އަހަރުން މަތީގެ ބީޗް ކުއަޓްރޯ ކެޓަގަރީން ރިހި މެޑަލްވެސް ރާއްޖޭގެ ޓީމްވަނީ ހޯދާފައެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކެޓްރީ މުޙައްމަދު ޝާފީ ބުނީ މޯލްޑިވްސް ވޮލީބޯލް ވެޓްރަންސްއިން ހޯދި ކާމިޔާބަކީ މުޅި ދިވެހި ވޮލީއަށްވެސް ލިބުނު ބޮޑު ކާމިޔާބެއްކަމަށާއި، އެކަން ފާހަގަކޮށް ޓީމްގެ އަގު ވަޒަންކުރަންޖެހޭކަމަށެވެ.

"ހަގީގަތުގަވެސް ވަރަށް މުހިންމު ކަމެއް އަމިއްލައަށް އިސްނަންގަވައިގެން އެބޭފުޅުން އެކުރައްވަނީ، އެސޯސިއޭޝަން އެކަން ބަލައިގަންނަން. އެ ކޮށްދެއްވާ މަސައްކަތްތަކުގެ އަގުވަޒަންކުރަން ހަފްލާއެއް މިމަހުގެ 12ވަނަ ދުވަހު ބާއްވާނަން" ޝާފީ ބުންޏެވެ.

އެގޮތުން އެކަމަށް ޚާއްސަ ރަސްމިއްޔާތެއް މިމަހުގެ ބާރަވަނަ ދުވަހުގެރޭ ބާއްވަން ނިންމާފައިވާކަމަށް ޝާފީ ބުންޏެވެ. އޭނާ ބުނީ މޯލްޑިވްސް ވޮލީބޯލް ވެޓްރަންސްއިން އަތޮޅުތަކާއި މާލޭގެ އެކި ސްކޫލްތަކުގައި ވޮލީބޯޅައިގެ ތަފާތު ޕްރޮގްރާމްތައް ހިންގަމުންދާކަމަށާއި، އެކަންކަމަށް އެސޯސިއޭޝަނުން ވެވެން އޮތް އެހީތެރިކަމެއްވެސް ފޯރުކޮށްދޭނެކަމަށެވެ