ކުޅިވަރު

އެމެރިކާގެ ޒުވާން ތަރި ޕުލިސިޗް ޗެލްސީއަށް


ބޮރޫޝިޔާ ޑޯޓްމުންޑްގެ އުއްމީދީ ތަރި ކްރިސްޓިއަން ޕުލިސިޗް ޗެލްސީއަށް ސޮއިކޮށްފިއެވެ.

20 އަހަރުގެ ޕުލިސިޗަކީ ލިވަޕޫލް އަދި އާސެނަލުންވެސް ހޯދަން މިދިޔަ ޓްރާންސްފަރގައި މަސައްކަތްކުރި ކުޅުންތެރިއެކެވެ. ޗެލްސީން ޕުލިސިޗްގެ ސޮއިހޯދީ 58 މިލިއަން ޕައުންޑްގެ ޓްރާންސްފަރ ފީއަކަށެވެ.

ފިނި މޫސުމުގެ ޓްރާންސްފަރގައި ޗެލްސީން ޕުލިސިޗް ސޮއިކުރި ނަމަވެސް އޭނާ މި ސީޒަންގެ ނިޔަލަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅޭނީ މިހާރުވެސް ކުޅެމުން އަންނަ ކުލަބު ބޮރޫޝިޔާ ޑޯޓްމުންޑަށެވެ.

ޗެލްސީއަށް ސޮއިކުރުމަށްފަހު ޕުލިސިޗް ބުނީ ޕްރިމިއަރ ލީގުގެ ކުލަބަކަށް ކުޅުމަކީ އަބަދުވެސް ބޮޑު ހުވަފެނެއްކަމަށާއި، ޗެލްސީއަކީ އޭނާގެ ކުރިއެރުމަށް އެންމެ ބޮޑަށް ފުރުސަތު އޮތް ކުލަބުކަމަށް ގަބޫލުކުރާކަމަށެވެ. އަދި އޭނާވަނީ ޑޯޓްމުންޑްގެ މެނޭޖްމަންޓާއި، ކުޅުންތެރިންނަށް އަދި ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.

އެމެރިކާގެ ޕުލިސިޗް ޑޯޓްމުންޑާއި ގުޅުނީ އުމުރުން 15 އަހަރުގައެވެ. އޭނާވަނީ މިދިޔަ ދެ ސީޒަންގައި ޑޯޓްމުންޑްގެ ސީނިއަރ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ.