ކުޅިވަރު

ސިޓީއަތުން ބަލިވިޔަސް ހިތްވަރުކޮށް ތަށްޓަށް މަސައްކަތްކުރާނަަން - ލިވަޕޫލް


މެންޗެސްޓާ ސިޓީ އަތުން ބަލިވުމާއެކު ލިވަޕޫލް އިތުރަށް ހިތްވަރުކޮށް ތައްޓާ ހަމައަށް ދިއުމަށް ގަދަ އަޅައި މަސައްކަތް ކުރާނެ ކަމަށް ކުޅުންތެރިން ބުނެފިއެވެ.
ޑިފެންޑަރު ޑެޖާން ލޮވްރެން ބުނީ ޕްރެމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އަތުން ބުރާސްފަތި ދުވަހުގެ ރޭ 2-1އިން ބަލިވެ، ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައުމަކީ ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.
"މެޗުން ބަލިވުމުން އެންމެންވެސް ތިބީ ދެރަވެފައި އެކަމަކު ލިވަޕޫލަކީ މިފަދަ ކޮންމެ ދަތި ވަގުތެއްގައި އަރައިގަންނަ އެނގޭ ޓީމެއް" ލޮވްރެން ބުންޏެވެ.
ލޮވްރެން ބުނީ ލިވަޕޫލް ހަތަރު ޕޮއިންޓުން ކުރީގައި އޮތުމަކީ ކުޅުންތެރިންނަށް އިތުރަށް ހިތްވަރުކުރަން ލިބޭ އިތުރު ބާރެއް ކަމަށެވެ.
އޭނާއާއެކު ފަހަތަށް ކުޅޭ ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް ވެސް ބުނީ ޓޭބަލުގެ އެއްވަނަ ދިފާއު ކުރަން އިތުރަށް މުޅި ޓީމު މަސައްކަތް ކުރާނެ ކަމަށެވެ.