ސިޔާސީ

ޕެރިސް ކޮންފަރެންސްގެ ނިންމުންތައް ތަންފީޒް ކުރުން މުހިންމު-


މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް، ޕެރިސް ކޮންފަރެންސްގައި އެއްބަސްވެވޭ ކަންކަން ތަންފީޒުކުރުމަކީ ޤައުމުތަކުގެ ޤާނޫނުތަކުން އެޤައުމުތަކަށް ލާޒިމުކުރާ ކަންކަމަށް ހެދުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް  ގޮވާލައްވައިފިއެވެ.ރައީސް މައުމޫން މިކަމަށް ގޮވާލެއްވީ، ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެއްކަމަށްވާ "ދަ އެނާރޖީ އެންޑް ރިސޯސަސް އިންސްޓިޓިއުޓް" (ޓެރީ) އިން އިންތިޒާމުކޮށްގެން އިންޑީއާގެ ދިއްލީގައި މިހާރު ކުރިއަށްދާ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓްގައި އިއްޔެ "ޓެކްލިންގ ކްލައިމެޓް ޗޭންޖް ބައި ލެޖިސްލޭޓާރސް: ދަ ރޯޑް ޓު ޕެރިސް 2015" މި މައުޟޫޢު ގެ ދަށުން ކުރިއަށް ގެންދިޔަ ޚާއްޞަ ސެޝަންގައެވެ.މި ސެޝަންގައި، ޕެނަލިސްޓެއްގެ ގޮތުގައި  ބައިވެރިވެވަޑައިގެން، ރައީސް މައުމޫން ވަނީ މޫސުމަށް އަންނަ ބަދުލުތަކާ ގުޅޭގޮތުން ޕެރިހުގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ ކޮންފަރެންސް ގައި ޤައުމުތަކުން އެއްބަސްވާ ކަންކަމަކީ ރަނގަޅު އަދި މުހިންމު ކަންކަމަށް ވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް އެއެއްބަސްވުން ކުރިއަށް ގެންދާ ކަން ޔަޤީންކުރުމުގެ ގޮތުން އެ ކޮންފަރެންސްގައި ނިންމާ ނިންމުންތައް ތަންފީޒުކުރުމުގެ ގޮތުން ޤައުމުތަކުގެ ދައުރު ފުރިހަމައަށް އަދާކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.އަދި އެއްބަސްވެވޭކަންކަން ކުރިއަށް ގެންދެވުމުގައި ހަރުދަނާ ނިޒާމެއް ޤާއިމުކޮށްދެއްވުމަށް އެދިވަޑައިގެން އެކަމަށް ގޮވާލެއްވި ސަބަބަކީ، ކުރީގައިވެސް މިގޮތަށް ފާސްކުރެވިފައިވާ ކޮންވެންޝަންތަކާއި މިފަދަ ޖަލްސާތަކުގައި ނިންމަވާފައިވާ ނިންމެވުންތަކަކާއި ޤައުމުތަކުން ވައުދުވެވަޑައިގެންފައިވާ ވައުދުވުންތަކަށް ޢަމަލުކުރެއްވުމުގައި އެޤައުމުތަކުން އެދެވިގެންވާ މިންވަރެއްގައި ފުރިހަމައަށް ޢަމަލުކުރައްވާފައިވާތަން ފެނިވަޑައިގެންފައި ނުވާތީކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައބެވެ. މި ސެޝަންގައި ތަފާތު އެތައް ޤައުމެއްގެ ފަރާތުންނާއި އަދި ބައިނަލް އަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުންވެސް މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ.