ވިޔަފާރި

މަޓީގެ ޗެއާމަނަކަށް އަނެއްކާވެސް އެމްޔޫ މަނިކު


މަޓީގެ ޗެއާމަނަކަށް އަނެއްކާވެސް ޔުނިވާރސަލްގެ ޗެއާރމަން މުހައްމަދު އުމަރު މަނިކު އައްޔަންކޮށްފިއެވެ. އެމްޔޫ މަނިކަކީ ފާއިތުވި ފަސް އަހަރުވެސް އެ ޖަމިއްޔާގެ ޗެއާމަނެވެ.

ކުރަނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި މަޓީގެ އަހަރީ އާއްމު ޖަލްސާގައި ވަނީ އެޖަމިއްޔާގެ ކުރިއަށް އޮތް ދައުރަށް ބޯޑް މެމްބަރުން އިންތިޚާބުކޮށް، އެޖަމުއިއްޔާގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މެމްބަރުންނާއި މަޝްވަރާކޮށް މަޢުލޫމާތު ހިއްސާކޮށްފައެވެ.
މަޓީގެ ވައިސް ޗެއާމަނުންނަށް އިންތިޚާބުކޮށްފައިވަނީ ޗަމްޕާ ހުސައިން އަފީފާއި ސަލާހް ޝިހާބެވެ. ސެކެރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަނުކޮށްފައިވަނީ، ކްރައުން ކުންފުނީގެ އަޙްމަދު ނަޒީރެވެ.

މަޓީގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން އެމްޔޫ މަނިކު ވަނީ، ހުސްވި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ ކުރިއެރުންތަކެއް ލިބުނު އަހަރެއްކަމަށް ވިދާޅުވެފައެވެ.
މިގޮތުން ދުނިޔޭގެ ފުރަތަމަ މޫދު ކޮޓަރި ރާއްޖޭގައި ހުޅުވިގެންދިޔުމާއި ތްރީ- ޑީ ޕްރިންޓަޑް އާރޓިފިޝަލް ފަރެއް ރާއްޖޭގައި ބެހެއްޓުންފަދަ ކަންތައްތަކުން ދުނިޔޭގެ ސަމާލުކަން ރާއްޖެއަށް ލިބިފައިވާކަން އެމްޔޫ މަނިކް ފާހަގަކުރެއްވިއެވެ.
މަޓީގެ ޗެއަރމަން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކުގައި މަޓީއިން އަބަދުވެސް އެއްބާލުން ދޭނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެކި ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތުގައި މަޓީން ގެންދަނީ އިސް ރޯލެއް އަދާކުރަމުންނެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި މަދު ވިޔަފާރިވެރިންގެ މަސައްކަތާއިއެކު 1982 ވަނަ އަހަރު ވުޖޫދަށް ގެނައި ޖަމިއްޔާއެކެވެ.