ސްރީލަންކަން އެއަރލައިން އިން އައްޑޫ ސިޓީ ގަމަށް ކުރަމުން އަންނަ ދަތުރުތައް ހުއްޓާނުލައި ކުރިއަށް ގެންދަން ނިންމައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަލޫމާތުދެމުން ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓު އޭސް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފިރާޤް ވިދާޅުވީ ސްރީލަންކަންގެ ދަތުރުތައް މެދުކަނޑާލުމާ ގުޅޭ ވާހަކަ ދެކެވުނީ އެއަރޕޯޓުން ލިބެންޖެހޭ ބައެއް ޙިދުމަތްތައް ނުލިބޭތީކަމަށެވެ. އެގޮތުން ދެ އަހަރުވީއިރުވެސް އިމިގްރޭޝަން އާ ގުޅުން ހުރި ބައެއް ކަންތައްތައް ހައްލުވެފައިނުވުމުގެ އިތުރަށް ސްރީލަންކަން އެއަރލައިންސްއަށް ދިމާވެފައިވާ މާލީ ގެއްލުމަކީވެސް މި ދަތުރުތައް ހުއްޓާލާ ސަބަބެއްކަމަށް ފިރާޤް ވިދާޅުވިއެވެ.
ނަމަވެސް މި މައްސަލަތައް ސިވިލް އޭވިއޭޝަން މިނިސްޓްރީއާ ހަމަޔަށް ދިއުމުން ސްރީލަންކަން އެއަރލައިންސްއާއެކު މިކަމާ ގުޅޭ މަޝްވަރާކޮށް ސްރީލަންކަން އެއަރލައިންސަށް ދިމާވެފައިވާ ދަތިތަކަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވާކަމަށެވެ. ފިރާޤް ވިދާޅުވީ މި މަޝްވަރާތަކުގައި ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގަ އައްޑޫ އެއާޕޯޓުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ސިވިލް އޭވިއޭޝަނުން ދެއްވާފައިވާ ކަމަށެވެ. އެހެންކަމުން ސްރީލަންކަން އެއަރލައިންސް އިން އައްޑޫއަށް ކުރާ ދަތުރުތައް ހުއްޓާ ނުލާނެ ކަމުގެ ޔަޤީންކަން ސްރީލަންކަން އެއާލައިންސްއިން ދީފައިވާ ކަމަށެވެ.
ފިރާޤް ވިދާޅުވީ، ސްރީލަންކަން އެއަރލައިންސަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ސިވިލް އޭވިއޭޝަނުން ވަރަށް ބޮޑު އެއްބާރުލުމެއްދޭ ކަމަށާއި، ވަގުތުން ވަގުތަށް ހައްލުކުރެވޭނެ ބަައެއް މައްސަލަތައް ހައްލު ކުރުމަށްވެސް މިނިސްޓްރީން އެއްބާރުލުން ލިބެމުންދާކަމަށެވެ.
ސްރީލަންކަން އެއަރލައިންސް އިން ގަމަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާކަން އިއުލާންކުރުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާކަން ފާހަގަކުރައްވާ ފިރާޤް ވިދާޅުވީ މި ޚިދުމަތަކީ ރައްޔިތުންނަށް މުހިންމު ޚިދުމަތެއްކަން ހާމަވެގެން އަދި މިއީ ރައްޔިތުން މި ޚިދްމަތް މެދުކެނޑުމެއްނެތި ބޭނުންވެފައިވާ މިންވަރު ހާމެވެގެންދާ ކަމެއް ކަމަށް ފިރާގު ވިދާޅުވިއެވެ. އަދި އުއްމީދަކީ މިހާރު ދިމާވެފައިވާ މައްސަލަތަކެއް ހައްލުވެ ސްރީލަންކަން އެއަރލައިންސްގެ ޚިދްމަތް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުން ކަމަށެށްވެސް ފިރާގު ވިދާޅުވެއެވެ.
އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ސްރީލަންކަން އެއަރލައިންސްގެ ސީދާ ދަތުރުތައް ފެށީ 2016ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އޭގެ ފަހުން އެއަރލައިންސުންދަނީ ސްރީލަންކާއިން ގަމަށް ހަފްތާއަކު 3 ދަތުރު ކުރަމުންނެވެ.