ޚަބަރު

ބޭރުގެ މަސް ބޯޓުތަކަށް ދީފައިވާ ކޯޓާ އަލެއް ނުކުރާނަން - މިނިސްޓަރ ޒަހާ


ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި މަސްވެރިކަން ކުރުމަށް ބޭރުގެ މަސް ބޯޓުތަކަށް މިހާރު ދީފައިވާ ކޯޓާ ހަމަވުމުން އިތުރަށް ކޯޓާ އާކޮށް ނުދެއްވާނެކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީގެ މަސްވެރިންނާ ބައްދަލުކުރެއްވުމަށް ސިޓީ ކައުންސިލުގައި އިއްޔެ ހަވީރު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ބޭރުގެ މަސް ބޯޓުތަކުން ދިވެހި ކަނޑުތަކުގައި މަސްވެރިކަން ކުރާ ކަމުގެ ޝަކުވާއަކީ ދިވެހި މަސްވެރިން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެއް ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން، ދިވެހި ކަނޑުތަކުގައި މަސްވެރިކަން ކުރަން ހުއްދަ ދީފައިވާ ބޭރުގެ މަސްބޯޓުތަކަށް މިހާރު ދީފައިވާ ކޯޓާތައް އާ ނުކުރަން ސަރުކާރުން ނިންމަވާފައިވާ ކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، މިހާރު ސަރުކާރުން އެފަދަ ބޯޓުތަކަށް ދީފައިވާ ކޯޓާ މިއަހަރުގެ މޭ މަހު ހަމަވާނެ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހަދަށް ބޭރުގެ މަސްބޯޓުތައް ވަދެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުން ހުއްޓާލުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.

އައްޑޫ ސިޓީގެ މަސްވެރިނާއި ބައްދަލު ކުރެއްވުމަށް އައްޑޫ ސިޓީ ކައުންސިލްގައި މިނިސްޓަރ ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މިފްކޯގެ އިސްވެރިންވެސް ބައިވެރިވެފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަހާ ވަނީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވާފައެވެ. އަދި އެ ދަތިތައް ޙައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަސްވެރިންގެ ޚިޔާލުވެސް މިނިސްޓަރ ވަނީ ހޯއްދަވާފައެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން މަސްވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށާ، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން ބޭރުގައި މަސްވެރިކަން ކުރަން ދިވެހިން ނެރުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށެވެ. އަދި މިކަމަށް ބޭނުންވާ މަސްވެރިން ތަމްރީން ކުރުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މިިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ޑީސަލުން ނަގަމުން އަންނަ އިމްޕޯޓް ޑިއުޓީ ކަނޑާލުމާއި މަސްދޯނި ފަހަރަށް ޚާއްޞަ ބޭންކް އެކައުންޓް ހުޅުވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި މަސްވެރިންނަށް ޕެންޝަން ސްކީމެއް ހުޅުވާލެވި މަސްވެރިންނަށް ލިބޭ މުސާރައިން ޕެންޝަނަށް ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި، މަސްވެރިކަމާ ބެހޭ ޤާނޫނު މުރާޖައާކޮށް އިސްލާހު ގެނައުމާއި މަސްވެރިންނަށް ބޭންކިންގ ނިޒާމުގެ ތެރޭގައި ޙަރަކާތްތެރިވެވޭނެ މަގު ފަހިކޮށްދިނުންފަދަ މުހިންމު ކަންތައްތަކެއް ހިމެނެއެވެ.